ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ އިސް ވަފުދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ޓިކްޓޮކާ ގުޅިގެން މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާއި، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރު ހިމެނެއެވެ. މި ގޮތުން ޓިކްޓޮކްގެ ވަފުދުން ވަނީ ރައީސްގެ މި ތަޞައްވުރު ޙާޞިލްކުރުމަށް އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ބައްދަލުވުމުގައި ދެފަރާތުން ވަނީ މުސްތަޤުބަލުގައި އެއްބާރުލުން ދެމެހެއްޓުމާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.
ޓިކްޓޮކްގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ، ރާއްޖޭގެ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

