ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، އޭގެ ބޭނުންކޮށް އަދި އެ އޭގެން ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ، މަޒާ، އަބްދުލްގައްޔޫމް އިބްރާހީމް (40އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 30 ގުރާމް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.