ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަން ކުރުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް އެ ޖަމާޢަތުން ހާމަކޮށްފިއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ހުރިހާ އަސީރުން މިނިވަން ކުރުމަށް ޙަމާސުން ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައި ވަނީ ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާއެވެ. އޭނާ ވިދާޅުވިގޮތުގައި ޔަހޫދީންނާ އެކު ވަގުތީ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި ބޭނުން ވަނީ ދެމެހެއްޓެނިވި، ދިގު މުއްދަތެއްގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކަމުގައެވެ.
ޙައްޔާ އިތުރަށް ވިދާޅުވިގޮތުގައި، ޔަހޫދީންނާ އެކު ދިގު މުއްދަތަކަށް ދެމިގެންދާނެ ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެ ފަދަ އެއްބަސްވުމެއްގެ ދަށުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމުގައެވެ.
ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ މުސްލިމުންގެ ނަސްލެއް ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާންމަށް ނިމުމެއް ގެނައުމާއި، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިިނިވަން ކުރުން ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު، ބިންކޮޅެއްގެ ދަހިވެތިކަމުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ފެށި މި ގަތުލްއާންމުގައި މިހާތަނަށް 61,700 އަށްވުރެ ގިނަ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށްފައިވާއިރު، އެތަކެއް މިލިއަން ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައެވެ.

