އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިވަގުތު 156 ތަނެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 61 ތަނެއް، ހުއްޓިފައިވާ ކަމަށާއި، މަޑުޖެހިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފަތުރުވެރިކަމުގެ ވުޒާރާއިން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ފަތުރުވެރިކަމުގެ ލޯ ސީސަންގައި މާކެޓިންގ ހަރކާތްތައް އިތުރުކޮށް، މުޅި އަހަރުތެރޭގައި ރާއްޖެ މާކެޓުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ބްރޭންޑްތަކުގައި ހިންގަނީ 65 ރިސޯޓު ކަމަށާއި، އަދި ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު ކަމަށެވެ. އަދި ޚިދުމަތްދޭ އެނދުގެ ޖުމްލަ އަދަދަކީ، 62290 އެވެ. އަދި ޚިދުމަތްދޭ ތަންތަނުގެ އަދަދަކީ 1162 އެވެ.

