ކ.ތުލުސްދޫގެ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައިފިއެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާ، 70 މީޓަރުގެ ބޮޑުހިލައިގެ ހަ ބްރޭކްވޯޓަރާއި 50 މީޓަރުގެ ބޮޑުހިލައިގެ ދެ ވައި-ގްރޮއިން ވަނީ ޖަހާފައެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިގެން ކުރިއަށް ގެންދެވުނު މި މަޝްރޫއަށް ސަރުކާރުން 36.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި މަޝްރޫއު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނީ 2023 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ.
ތުލުސްދޫއަކީ މާލޭ ސަރަޙައްދުގައި ލޯކަލް ޓޫރިޒަމް އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ އެއް ރަށްކަމަށްވީއިރު، ރަށް ގިރުމުގެ މައްސަލަ މި މަޝްރޫއުގެ ސަބަބުން ހައްލުވެގެން ދިޔުމުގެ ސަބަބުން ފަތުރުވެރިކަމަށް ކުރަމުންދިޔަ ނޭދެވޭ އަސަރު ކުޑަވެގެންދާނެއެވެ.