އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަޚުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކި ކަންކަމުގައި، އެހެން ޤައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުގައި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، ޢާއިލާއާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެެެވެ.