ޤުދުސްގެ ޖަންގަލިތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ، ބޮޑު ސަރަޙައްދެއް އަނދައިފައިވާއިރު، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
އިސްރާއީލުގެ އިދާރާތަކުން އަލިފާން ނިއްވާލުމަށް މަސައްކަތް ކުރަމުންދާއިރު، އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަލިފާނުގެ ސަބަބުން މިހާތަނަށް ދިހަ ސަރަހައްދަކުން މީހުން ހުސްކޮށް، ގުދުސްއިން ތެލް އަވީވަށް ދަތުރުކުރާ މައި މަގު ވަނީ ބަންދުކޮށްފައެވެ.
މިއީ އިސްރާއީލަށް ވަރަށް ހޫނުގަދަ ދުވަސް ވަރެކެވެ. އަދި ވައި ވެސް ގަދަވުމުން، އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވޭ ވަރަށް ފެތުރެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ނަތަންޔާހޫ ބުނީ މިހާރު އެ ގައުމުގައި ކުރިމަތިވެފައިވަނީ ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށެވެ. އަދި ހޫނު އަދި ގަދަ ވައިގެ ސަބަބުން އަލިފާން ގުދުސްގެ ބައެއް ސަރަހައްދުތަކަށް ފޯރާފާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އަދި އެ ސަރަހައްދުގައި ގަޑިއަކު 60 މޭލަށް ވުރެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭތީ، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް ނިއްވައިލުމުގައި އެހީތެރިކަން ހޯދުމަށް އިސްރާއީލުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާއާ ވަނީ އަލިފާން ނިއްވާ މަތިންދާބޯޓުތައް ގެނައުމަށް އެހެން ގައުމުތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލުގެ މީޑިޔާތަކުން ބުނީ، އަލިފާންގަނޑުތައް ނިއްވުމުގައި އަލިފާން ނިއްވާ 120 އިދާރާއެއްގެ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އަލިފާނުގެ ސަބަބުން ގެދޮރުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

