ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ސައުދީ އަރަބިއްޔާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން ދެއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވި ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންއާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ (އެމްއައިއެފްސީ) އަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބު ކަމުގައި ފާހަގަކުރައްވާފައެވެ.
ަހަމައެއާއެކު، ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާއި އެމް. ބީ. އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާދެމެދު ވެވުނު އެމް. އައި. އެފް. ސީ އުފެއްދުމުގެ ޖޮއިންޓް ވެންޗަރ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
އަމީރު ފަހަދް ސަޢުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަންވެސް އެ މަނިކުފާނު ފާޅުކުރެއްވިއެވެ.