މިއަހަރުގެ އޭޕްރީލް މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ އޭޕްރީލް މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ އެހެން މަސްތަކާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން;
- ޖަނަވަރީ މަހު 75 މީހުންނަށް ޑެންގީ ޖެހުނު
- ފެބުރުވަރީ މަހު 80 މީހުންނަށް ޑެންގީ ޖެހުނު
- މާރިޗު މަހު 73 މީހުންނަށް ޑެންގީ ޖެހުނު
- އޭޕްރީލް މަހު 124 މީހުންނަށް ވަނީ ޑެންގީ ޖެހިފައި
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން
- މާލެ ސަރަހައްދުން 134 ކޭސް ރިޕޯޓުކޮށްފައިވޭ
- ރ. އަތޮޅުން 57 ކޭސް ރިޕޯޓުކޮށްފައިވޭ
- އއ. އަތޮޅުން 40 ކޭސް ރިޕޯޓުކޮށްފައިވޭ
މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުސް ފުޅި އަދި ދަޅު ފަދަ ފެންހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް ނޭޅުމަށާއި، ފެންހަރުލާ ތަންތަން ސާފުކުރުމަށް އެދިފައިވެއެވެ. އަދި މަދިރި އެންމެ ގިނަވާ ވަގުތުތަކުގައި ކަމަށްވާ ހެނދުނު އިރުއަރާ ގަޑިއާއި ހަވީރު އިރުއޮއްސޭ ވަގުތުތަކުގައި ގޭގެ ދޮރާއި ކުޑަދޮރުތައް ލެއްޕުމަށާއި، ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ޑެންގީ ޖެހޭ މީހުންނަށް ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށާއި، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. މި ބައްޔަށް ޚާއްސަ ފަރުވާއެއް ނެތްކަމުން، ބަލީގެ އަލާމާތްތައް ފާހަގަކޮށް، އަވަހަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކުރެއެވެ.
މަދިރި ހެފުމުން ރައްކާތެރިވުން:
- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން.
- މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone) މާއްދާތައް ހިމެނޭ ތަކެތި ބޭނުންކުރުން މުހިންމު.
- ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.
- ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
- މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
- އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި, އެންމެ ރަގަޅީ ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން.
ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ބައްޔެކެވެ. މި ބަލީގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައިވާއިރު، މި ބަލިޖެހިގެން ފުރާނައަށް ނުރައްކާވެ، މަރުވާ ހާލަތްތައްވެސް ދިމާވެއެވެ. މިއަހަރުގެ ފެބުރުވަރީ މަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންވެސް ވަނީ ޑެންގީ ކޭސްތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.