ސްޕެނިޝް ލީގުގައި ރޭ އެސްޕަނިއޯލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ބާސެލޯނާއިން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗަށްނިކުތްއިރުވެސް އެންމެ ޕޮއިންޓެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ބާސެލޯނާއަށް ލިބޭން އޮތްއިރު، މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 36 މެޗުން 85 ޕޮއިންޓް ހަމަވެފަ އެވެ. އަދި ލީގުގައި ބާކީ އޮތް ދެ މެޗުން މޮޅުވެގެންވެސް ތާވަލުގެ ދެވަނައިގައި މިހާރު 78 ޕޮއިންޓާއި އެކު އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބޭނީ 84 ޕޮއިންޓެވެ.
މި މެޗުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ދަނޑުގެ ބޭރުން ސަޕޯޓަރުންގެ ގައިގައި ކާރަކުން ޖެއްސުމާއި ގުޅިގެން 13 މީހަކަށް އަނިޔާވުމުން މެޗުގެ ކުޅުން ރެފްރީ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާތީ އަލުން މެޗުގެ ކުޅުން ފަށާފައިވެއެވެ.
މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 53 ވަނަ މިނިޓުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލްއެވެ. ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ލަމީން ދިން ޕާހަކުން ފާރމިން ލޮޕޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި ލަމީން ޔަމާލް ލަލީގާގައި ޖެހި 8 ވަނަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.

