ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 7 މީހުންނެވެ.
އެއީ:
- އަހްމަދު މައިސާން ހާޝިމް (20) – ކ. މާލެ
- ޝަމާލް ހުސައިން (21އ) – ތ. ގާދިއްފުށި
- ރަޖުވާން ލަތީފް (22އ) – ލ. މާމެންދޫ
- މުހައްމަދު ޖަޒްލާން (22އ) – ލ. ގަން
- ޒަޔާން ނަސީރު (23އ) – އދ. މާމިގިލި
- އަބާން އަބްދުއްހަންނާން (23އ) – ތ. ދިޔަމިގިލި
- މިދުހަލު އާދަމް (24އ) – ރ. އަލިފުށި
މި 7 މީހުންގެ މައްޗަށް ދައުލަތުން އުފުލީ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ.
މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޝަމީމަށް ހަމަލާ ދީފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހު އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި އައި ދެ މީހުން ޝަމީމަށް މަރުތޭލަކުން ދިން ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ.