ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަހަރު ހައްޖަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
“ރައްޔިތުންނާއެކު” ނަމުގައި ގެނެސްދޭ ޕޮޑްކާސްޓުގެ ހަތްވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ އެކަން ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާންދާރީގައި އެ ގައުމުގެ ހަރަދުގައި ކަމަށެވެ. އަދި މި އަހަރު, ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންނަށް ސައުދީން ދީފައިވާ ކޯޓާގެ ތެރެއިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
“ވަކިން ފްލައިޓެއް ވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި އިނގޭތޯ. ދެން އެއީވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓަރއެއްވެސް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އެމަނިކުފާނުގެ ދައުވަތަކަށް ކަމަށާއި، އަދި އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ވެސް ސައުދީން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.