މިވީ ދެތިންދުވަހެއްގެ ތެރޭގައި ސޯޝަަލްމީޑިއާއިން އެންމެ ގިނައިން ފެނުނު އެއް މަންޒަރަކީ ވައިޓްލިލީ ކެމްޕެއިނެއްގެ މަންޒަރެވެ. ލިލީމާ ބެހިއިރު ލިބުނު މީހުންނާއި ނުލިބޭ މީހުންގެ އިހުސާސްވެސް އެހާ ގިނައިން ފެނުނެވެ، 2.3 މިލިއަން މީހުންގެ ސަމާލުކަން ހޯދާފައިވާ ލިލީގެ ސިއްރު މިހާރު މިވަނީ ހާމަވެގެން ގޮސްފައެވެ.
މިއީ މިހާތަނަށް ޕްރޮމޯޝަނެއްގެ ވާހަކަ އެންމެ އަޑުގަދަވި އެއްފަހަރަކަށް ވީއިރު މިއީ ވަރަށް ތަފާތުކޮށް ކުރިއަށް ގެންގޮސްފައިވާ ޕްރޮމޯޝަނެއްވެސް މެއެވެ. ހިތްގައިމު ލިލީމަލުގެ އަޑު މިލިއަނުން މައްޗަށް ވައިރަލްވެގެން ދިޔައިރު، ބައެއް މީހުންގެ މެދުގައި ކުރެވުނު ‘ހީ’ އަކަށް ދެކެވެމުންދިޔަ ވާހަކަތަކުގެ ހަގީގަތް އިއްޔެ މެންދުރު ފަހު އެ އޮތީ އެނގިފައެވެ، އެކަމަކު މިފަހަރު މިދައްކަން އުޅެނީ ލިލީ މަލެއްގެ ވާހަކައެއް ނޫނެވެ. މުޅި ހިންނަވަރަށް މަޝްހޫރު ލިލީގެ ވާހަކައެވެ.
“ލިލީ ބޭނުން”، “ލިލީ ނުލިބޭ”، “ލިލީ ލިބިއްޖެ” މިއީ ކްރިއޭޓިވް ނެޓްވޯކް އިން ގެނެސްދޭޏް އުޅޭ “ލިލީ” ނަމަކަށް ކިޔާ ފިލްމެއް އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔަ ކެމްޕެއިނެކެވެ.
ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި މި ކެމްޕެއިންގެ ދަށުން މާލެ ސަރަހައްދުގައި 400 އަށްވުރެ ގިނަ ލިލީ މާ ބަހާލެވުނެވެ. ޖޫން 24 އިން 28 އަށް ކުރިއަށްގެންދިޔަ މި ކެމްޕެއިންގައި އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން 2.3 މިލިއަން ވިއުސް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
މުޅިން އަލަށް އުފެދުނު މި ޕްރޮޑަކްޝަން ހައުސްއިން ތައްޔާރުކުރާ “ލިލީ” ފިލްމުގައި ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ހިމެނެއެވެ. އަދި އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު ވެސް މުޅިން އަލަށް މި ފިލްމުން ފެނިގެންދާނެއެވެ.
މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓުކުރާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައެވެ. ފިލްމުގެ 90 އިންސައްތަ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގައި ކަމަށާއި، އަނެއް 10 އިންސައްތަ ނަގާފައިވަނީ ލާމު އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގައި ކަމަށް ކްރިއޭޓިވް ނެޓްވޯކުން ވަނީ ބުނެފައެވެ.
ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ މައްސަލަތަކަށް އަލިއަޅުވާލާ މި ކްރައިމް ތްރިލާ ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު މިއަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނި ނަމަވެސް، ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.
ކޮންމެއަކަސް މިއީ ހިންނަވަަރަށް މަޝްހޫރު ލިލީ އެއްގެ ކޮން ވާހަކައެއްކަން އެނގޭނީ މި ފިލްމު ސިނަމާތަކަށް އައުމުންނެވެ. ލިލީ އެއް ލިބުނަސް ނުލިބުނަސް ލިލީގެ ވާހަކަ ބަލާލަން ދާން ބޭނުންނަމަ ފިލްމު ސިނަމާތަކަށް އައުމުން އަވަހަށް ޓިކެޓް ނަގައިގެން ތައްޔާރުވެވިދާނެ އެވެ. ޔަގީނުންވެސް އަދި އިވުނު އަޑާއި ފެނުނު މަންޒަރުން މިއީ ބަލާލަން ދާން ޖެހޭ ކަހަލަ ފިލްމެއް ކަމުގެ އިހުސާސް ކުރެވޭ މީހުންވެސް މަދެއް ނޫނެވެ.

