ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރުމުގެ މަސައްކަތް މާދަމާ ހެނދުނު 09:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. މި މަސައްކަތް ކުރިއަށް ދާނީ ކުރިން ހައުސިން މިނިސްޓްރީ ހިންގި ބިމުގައި، މިކަމަށް ޚާއްސަކޮށް ހަދާފަައިވާ ސަރަޙައްދެއްގައެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ، ގޯތީގެ ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށް ގެންދާން ނިންމާފައި ވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށެވެ. މި ބަދަލާއެކު، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭމަހުގެ 30ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވުނު ގުރުއަތުނެގުމުގައެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުމުގައި ސޮއިކުރުމާއި، ރަޖިސްޓްރީ ހަވާލުވުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެޕޮއިންޓްމަންޓް ހައްދާނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ވަނީ ހިމަނާފައެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އައު “ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން”ގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ޙާޟިރުވާނެ ފަރާތެއްގެ އައިޑީ ކާޑު ކޮޕީ
- ގޯތި ލިބޭ ފަރާތް/ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވަން ބޭނުންވާނަމަ “ހިޔާވެހި ޕޯޓަލް” ގައި ހިމަނާފައިވާ ޕަވަރ އޮފް އެޓަރނީ، އަދި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ (ނޮޓަރައިޒްކުރެވިފައިވާ ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓް ހުށަހެޅުމުން ބަލައިގަނެވޭނެ)
- މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ “ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން”ގެ ކޮޕީ
- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ “ބަންޑާރަ ގޯތީގެ ރަޖިސްޓަރީ”ގެ ކޮޕީ
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީން އަންގާ ތަނަށް ވަޑައިގަންނަވާއިރު، ލިޔެކިއުމުގެ އަސްލު ގެންދަން ޖެހޭ ލިޔެކިޔުންތައް:
- ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު
- ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން)
- މިނިސްޓްރީއާއި، ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ “ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން”ގެ އަސްލު
- މިނިސްޓްރީން ގޯތި ލިބޭ ފަރާތަށް ކުރިން ދޫކޮށްފައިވާ “ބަންޑާރަ ގޯތީގެ ރަޖިސްޓަރީ”ގެ އަސްލު
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި، އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް، އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެއެވެ.
އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، “ހިޔާވެހި ޕޯޓަލް” އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެއެވެ.