ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ. ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާއި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވެ އަދި އުދަ އަރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 15:30 ހާހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މިގޮތުން، ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. ފުވައްމުލަކަށް 51.5 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުގެ ރިކޯޑުތައް ދައްކައެވެ.
ވައިގެ ބާރުމިނާ ބެހޭގޮތުން މެޓް އޮފީހުން ވިދާޅުވީ، ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 އާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ..
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.