ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އަންގާފައިވާ ގޮތުގައި، މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމާފައިވާ އެންގުން ވަނީ ބާތިލުކޮށްފައެވެ.
ފުލުހުން މިކަން އަންގާފައިވަނީ މިއަދު ކުރިން އިއުލާނުކޮށްފައިވާ ގޮތަށް މެންދުރުފަހު 3:00 އިން ހަވީރު 6:30 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. މިހެންވުމުން، މި ގަޑިތަކުގައި އާންމު ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެންވާ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.
ކުރިން މި ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމާފައިވަނީ މިނިވަން ދުވަހާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، އަދި ސެކިއުރިޓީ މަސައްކަތްތައް ފަސޭހަކުރުމަށެވެ.
ނަމަވެސް، މާދަމާ ޖުލައި 27 ވަނަ ދުވަހު ބައެއް ބާވަތްތަކުގެ ބަރު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމާފައިވާ އެންގުން ދެމިއޮންނާނެއެވެ. މިގޮތުން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުފަހަރު އިރުއޮއްސޭ ހަޔެއް ޖަހާއިރުން ފެށިގެން މެންދަމު 12:00 އަށް ދުއްވުން އޮންނާނީ މަނާކޮށްފައެވެ.