ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. 73 އަހަރުގެ އުމުރުފުޅުގައި އަވަހާރަވި އެމަނިކުފާނު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު އެރުވުނު ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވުނީ މިއަދު ޢަޞްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. މޫނު ދެއްކުމާއި ކަށުނަމާދު އަދާކުރެވުނީ އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ ރަސްމީ އިއްޒަތުގައެވެ.
އެމަނިކުފާނުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. “ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާ އެކު” ކަމަށް ރައީސް ވިދާޅުވެ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ކުރީގެ ރައީސުންނާއި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ވެރިންވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
38 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި ޙަސަން ޞާބިރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވަޒީރުކަން ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އެ ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.