އެންސްޕާއާއި އާސަންދައިގެ އެހީގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހޭ ބަލި މީހުންނަށް މިއަދުން ފެށިގެން “ބޭންކް އޮފް މޯލްޑިވްސް” ބީއެމްއެލްއިން 2،000 ޑޮލަރު ވިއްކާނެކަމަށް މިއަދު އިއުލާނުކޮށްފިއެވެ.
ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މި ނިންމެވުން ނިންމައި، މިދިޔަ މަހުގެ ތެރޭގައި އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޖުލައި މަހުގެ 21 ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަަން އިއުލާނު ކުރައްވާފައެވެ.
ޑޮލަރު ލިބުން ދަތިވެ، އާންމު ބާޒާރުގައި އަގު އުފުލުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް އާންމު ރައްޔިތުންނާއި، ވިޔަފާރިތަކުން ޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. ބައެއް ފަރާތްތަކުން މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގަމުންދާއިރު، މިހާރު ޑޮލަރު ވިއްކަމުން ދަނީ 20 ރުފިޔާ ނުވަތަ 21 ރުފިޔާއަށެވެ.
ބެންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ މިއަދުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އާސަންދަ ހަމަޖެހޭ ބަލި މީހުންނަށް 2000 ޑޮލަރު އެންސްޕާގެ އެހީ ލިބޭ ބަލި މީހުންނަށް 2000 ޑޮލަރާއި ހަމައަށް އެންސްޕާއިން ކަނޑައަޅާ އަދަދެއް ވިއްކާނެ ކަމަށެވެ. އަދި އާސަންދައާ އެންސްޕާ ނުލިބޭ ބަލި މީހުންނަށް 1,000 ޑޮލަރު ވިއްކާނެ ކަމަށެވެ.