ރޯގާއާއި ކެއްސުމަށް ހާއްސަ ކުޑަކުދިންގެ ބޭހެއްކަމަށްވާ “ކޯފްސީ” ސިރަޕުގައި ކޮލިޓީ މައްސަލަތަކެއް ތަކުރާރުކޮށް ފާހަގަކުރެވިފައިވާތީ އެބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރެފައިވާ އެލާރޓެއްގައި ވިދާޅުވީ، ރާއްޖޭގެ މާކެޓުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެ އޮތޯރިޓީ އިން ކުރަމުންދާކަމަށާއި އެގޮތުން ކޮލިޓީ ބެލުމަށް ކުރިއަށްގެންދިޔަ މާކެޓް ސަރވައިލެންސްގެ ތެރެއިން ކުޑަކުދިންނަށް ކެއްސާތީ އާންމުކޮށް ދޭ ބޭހެއްކަމަށްވާ “ކޯފްސީ” ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން މިމަހުގެ 20 ފެށިގެން މިބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުންވެސް މަނާކޮށްފައިވާކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.
މި ފިޔަވަޅާއެކު ފާމަސީތަކުގައި މިބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސް ނައްތާލުމުގެ މަސައްކަތް ކުރުމަށް އެ އޮތޯރިޓީން ވަނީ ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަންގަވާފައެވެ. އަދި މިބޭސް ބޭނުންކުރުމުގެ ސަބަބުން ސިއްޙީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް އެމްއެފްޑީއޭއަށް ލިބިފައިނުވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރައްޔިތުންނަށް ލިބެން ހުންނަ ބެހުގެ ކޮލިޓީ ހިފެހެއްޓުމަށް ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ބެހުގެ ވިޔަފާރިކުރާ ފަރާތްތައް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.