ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ، ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ “ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު މިއަދު ގއ. އަތޮޅުގެ އެކެފަރަ ސަރަޙައްދުން ފެނިއްޖެއެވެ. ނަމަވެސް ހިތާމަވެރި ގޮތަކަށް ބޯޓުގެ ކެޕްޓަން އާދަމް ސައީދު ވަނީ ނިޔާވެފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:25 ހާއިރުއެވެ. ބޯޓު ފެނުނުއިރު، ހާލު ދެރަވެފައިވާތީ އެބޯޓުގެ ކެޕްޓަން ސައީދު ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކެޕްޓަން ސައީދު ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ބޯޓު ގެއްލުނު ސަބަބާއި، ކެޕްޓަން ސައީދަށް ދިމާވި ސިއްހީ މައްސަލައިގެ އެއްވެސް ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު މިހާރުދަނީ ކުރިއަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުންގެ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.