ހަވީރުގެ ހިތްގައިމު ވަގުތެވެ. އިރު އޮއްސުމާ ދެމެދު މާކަ ގިނަ ވަގުތެއް ނެތެވެ. ހަވީރުގެ ވަގުތު ކަމުން ލޮނުޒިޔާރަތްކޮޅު ޕާކު ގައި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ހޭލަމޭލައަށް އުޅެމުން ދިޔައެވެ.
ޕާކަށް ވަންނަމުން އާސިމް ޖީބުން ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. އޭނާ ޕާކަށް އައިސް އެ ހުރީ މީގެ ދުވަސްކޮޅެއް ކުރިން ފޭސްބުކް އިން ދިމާވި ވަފާ އާއި ބައްދަލުކުރުމަށް ގަޑި ކިޔާފައި އޮތުމުންނެވެ. ވަފާ ބުނި ގޮތުން އޭނާ ހުންނާނީ ރަތް ކުލައިގެ މާޖެހި ގަމީހަކާއި ކަޅުކުލައިގެ ޖީންސެއް އަދި މަޑު ރަތްކުލައަކަށްދާ ޝޯލްއެއް އަޅައިގެންނެވެ. އަތުގައި އެ ކުލައާ ގުޅޭ ދަބަހެއް އޮންނާނެ ކަމަށް ބުންޏެވެ.
އާސިމާއި ވަފާ ދިމާވީ މީގެ ދެ މަހެއް ކުރިން ފޭސްބުކް އިންނެވެ. އެ ދެ މީހުން ފޭސްބުކް އިން ވާހަކަ ދައްކަމުން އަންނަތާ ދެ މަސް ދުވަސް ވާން ކައިރިވެފައި ހުއްޓައި، ރިޒޯޓުން ލިބުނު އޮފުގައި އާސިމް ބޭނުންވީ ވަފާއާ ބައްދަލުކުރާށެވެ. ވަފާ ވެސް އާސިމްގެ އެދުމަށް އިޖާބަދީ ބައްދަލު ކުރުމަށް އެއްބަސް ވިއެވެ. މިއަދު އެ ދިގު އިންތިޒާރުގެ ނިމުން އަންނަނީ އެވެ. ދެ މީހުން އެކަކު އަނެކަކަށް ފުރަތަމަ ފަހަރަށް ދިމާވަނީއެވެ.
ޕާކަށް ވަދެ އާސިމް ވަފާ ދީފައިވާ ނަންބަރަށް ގުޅަމުން ދެ ކޮޅު ހޯދައި ބަލާލިއެވެ. ވަފާ ފެނޭތޯއެވެ. ވަފާ ފޯނު ނުނެގިއެވެ. އާސިމްގެ މޫނަށް ނުތަނަވަސް ކަން ވެރިވިއެވެ. އެހެނަސް ދެ ވަނަ ފަހަރަށް ވެސް އާސިމް ވަފާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. މާގިނަ އިރެއް ނުވެ ވަފާ ފޯނު ނެގިއެވެ.
“ކޮންތާކު؟” ހާސްވެފައި އާސިމް އަހައިލިއެވެ.”ނާންނަނީތަ؟…ގައިމު ބުނި ޕާކުގައޭ،” އާސިމް ޕާކަށް ވަދެ ކުރިއަށް ހިނގައިގަތެވެ.
“ހެހެ…އަހަރެން މިހުރިއްޔޭ!…އަހަންނަށް އާސިމް އެބަފެނޭ…ކީއްވެ އާސިމްއަށް ނުފެންނަންވީ،” ވަފާ ހީނލިއެވެ. “ގައިމު އަހަރެން މީ ޖިންނިއެއް ނޫން ވީއްޔަ،” ވަފާގެ އަޑުގައި ވަނީ ލާނެތްކަމެވެ.
ވަފާގެ ވާހަކަ ހުރި ގޮތުން އާސިމް ގާތަށް ވެސް ހިނިއައެވެ.
“ދެން އެންމެ ރަގަނޅޭ…ފިލާ ނުހުރެ ފެނިލަބަލަ،” އާސިމް އެދުނެވެ.
“ނުބައި ދިމާއަކަށޭ ތިދަނީ…ކަނާތް ފަރާތަށް އެނބުރިބަލަ،” ވަފާ އެހެން ބުނުމާއެކު އާސިމް ކަނާތްފަރާތަށް އެނބުރިލިއެވެ.
ތަންކޮޅެއް ދުރުން ވަފާ އެބުނި ފަދަ ގޮތަކަށް ހެދުން އަޅައިގެން ހުރި ކުއްޖެއް އާސިމްއަށް ފެނުނެވެ. މާ ގަހެއްގެ ގޮފިގަނޑެއް ހުރި ގޮތުން އާސިމްއަށް ވަފާގެ މޫނު އެ ވަގުތު އެހާ ސާފުކޮށް ފެންނަވަރެއް ނޫނެވެ. ވަފާ އާސިމްއަށް ހަނާ އަޅާލިއެވެ. އާސިމް ކުރިއަށް ހިނގައި ގަތެވެ.
ވަފާގެ މޫން ފެނުމާއި އެކު އާސިމް އާޝޯޚު ވިއެވެ. އާސިމްގެ ހިތަށް އެރިއެވެ. ސަހަރޯއެވެ. ފޮޓޯއިން ފެންނަ ވަރަށް ވުރެ ހާސްބައި ތަފާތެވެ. ހާސްބައި ރީއްޗެވެ. އެހަރަ ޝާއްބަ ހަށިގަނޑެކެވެ. ހަށިގަނޑުގެ ލޫޅާފަތިކަމެވެ. ފުރަތަމަ ފެނިލުމުން އާސިމްގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލައިފިއެވެ. ހިތުގެ ވިންދު އަވަސް ކުރުވައިފިއެވެ.
“އަހަރެން ހީކުރީ ވަފާ ނާންނާނެ ކަމަށް،” ވަފާއާ ޖެހި ގެން އިށީންނަމުން އާސިމް ވާހަކަ ދެއްކިއެވެ.
“އިތުބާރެއް ނުކުރަންދޯ؟” ލޯ އަޅާލަމުން ވަފާ ބުނެލިއެވެ.
“އެހެނެއް ނޫން…އަންހެން ކުދިންގެ ގޮތެއް ވީއްޔަ…އަނެއްކަ މި ބުނީ ވަފާގެ ވާހަކަ އެއް ނޫން އެނގޭ،” އާސިމް ހީނލަމުން ވާހަކަ ދެއްކިއެވެ.
“ނަސީބެއްނު…،” އާސިމްގެ އަތުގައި ވަފާ ހިފާލިއެވެ. “އާސިމް ވާނެ އަހަންނަށް ހެލްޕެއް ދޭން…މި އުޅެނީ ބަލިވެ އިންޑިޔާއަށް ދާން،” ވަފާ އެދުނީ ފައިސާގެ އެހީތެރިކަމަކަށެވެ.
“ތީ އެއްވެސް ކަމެއް ނޫނެއްނު… ކިހާވަރެއް ބޭނުނީ؟” އާސިމް އެހެން ބުނީ ހިތްހަމަ ޖެހިގެންނެއް ނޫނެވެ. އެހާ އަވަހަށް ވަފާ ފައިސާއަށް ކިޔުމުން އާސިމްގެ ހިތް ނުތަނަވަސް ވިއެވެ.
“އިރު ވެސް އޮއްސެން އުޅެނީ…މާލަހުން ވީއްޔަ ތި އައީ… ނެތްތަ ކޮފީއެއް،” ވަފާ އެދުނެވެ.
“ކޮފީއެއް ދެވި ދާނެ….ހިނގާ ދަމާ،” އާސިމް ތެދުވިއެވެ. އާސިމްގެ ފަހަތުން ވަފާ ވެސް ހިނގައިގަތެވެ.
ދެ މީހުން ވަނީ ޕާކު ކައިރީގައި ހުރި ކެފޭ އަކަށެވެ. އެ ކުޑަކުޑަ ވަގުތު ކޮޅުގައި ދެ މީހުން އެކަކު އެނެކަށް އަހުދުތަކާއި ވައުދުތައް ވިއެވެ. ލޯބިން އެކީ އުޅޭނެކަމަށް އިގުރާރު ވިއެވެ. ކޮފީ ނިމިގެން ވަފާ ބުނި ބުނުމަށް އޭނާ ގެއަށް ލާން ދިއުމަށް އާސިމް ވަފާއާ އެކު ހިނގައި ގަތެވެ. ވަފާ އުޅޭ ގެ ހުންނަނީ މާ ދުރުގައި ނޫން ކަމަށް ބުނުމުން ވަފާ ގެއަށް ލައިފައި ނޫނީ ނުދާން ވެގެންނެވެ.
ވަފާ އުޅޭ ގެއާ ހަމައަށް އައިސްފަ ވަފާ އެދުނީ އާސިމް އެ ގެއަށް ވަނުމަށެވެ. ގޭގައި މި ވަގުތު އެއްވެސް މީހަކު ނޫޅޭތީ ދެ މީހުން ވާހަކަ ދައްކާލަން ޓެރަހަށް އެރުމަށް ވަފާ ދައުވަތު ދިނެވެ. އާސިމް އެކަމަށް އެއްބަސްވެ، ވަފާ އާއެކު ގޭގެ ޓެރަސް އަށް ދިއުމަށް ސިޑިން އަރަން ފެށިއެވެ. ހަނި ލަކުނޑި ސިޑިއެކެވެ. ސިޑި ހުރި ހިސާބު އެހާމެ އަނދިރިއެވެ. އެހެނަސް އާސިމް އެއިން އެއްވެސް ކަމަކަށް ނުވިސްނައި ވަފާއާއި އެކު ޓެރަހަށް އެރިއެވެ. ކުޑަ ނަމަވެސް ހިތްފަސޭހަ ތަނެކެވެ. ދެ ޖޯލީގެ ޖޯލި ފައްޗެއް ބަހައްޓާފައި ހުއްޓެވެ. އެހާ އަލި ގަދަވީމަ ކައިރީ ގޭގެ މީހުން ބަލާނެއޭ ބުނެ ވަފާ ލައިޓް ނިއްވާލިއެވެ. އަދި ޖޯލީގައި އިށީނުމަށް އެދުނެވެ. އާސިމް ކުޑަކޮށް ޖެހިލުންވަމުން ޖޯލީގައި އިށީނެވެ.
ވަފާ ގެ އަމަލުތައް ހުރީ އާސިމް އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ނޫނެވެ. އޭނާގެ މާޒީގެ ވާހަކަތަކުން އާސިމަށް އެނގިގެން ދިޔައީ ވަފާ އަކީ ދިރިއުޅުމެއް ފެށުމަށް އެކަށޭނަ މީހެއް ނޫންކަމެވެ. އާސިމްގެ ހިތުގައި ދާއިމީ ދިރިއުޅުމަކަށް ވިންދު ޖަހަމުން ދިޔަ އިރުގައި ވަފާގެ އަމަލުތަށް ހުރީ ވަގުތީ އުފާވެރިކަމަކަށެވެ. ކުރިން ވަފާ އަށް ކަންތައްތައް ދިމާވެފައި ހުރި ގޮތަކުން އެހެން ވުން އެކަށީގެން ވާކަމަށް އާސިމް ނިންމިއެވެ. އެހެނަސް ވަފާ އާއި އެކު ރަގަނޅު ދިރިއުޅުމަކާއިގެން ކުރިއަށް ނުދެވޭނެ ކަމަށް ނިންމިއެވެ.
ވަފާއާ އެކު ހޭދަކުރި ވަގުތުކޮޅު ނިމުމަކަށް ގެނަސް އަވަހަށް ގެއަށް އައެވެ. އަދި މެސެންޖާއިން އާސިމް ބޭނުންވާ ގޮތް ހާމަކޮށް މެސެޖެއް ލިޔެ ވަފާއަށް ފޮނުވާލިއެވެ.
އެ ރިލޭޝަންޝިޕް ދެން ކުރިއަށް ނުގެން ދެވޭނެ ކަމަށް ހިތާމައާއެކު ފާހަނގަ ކުރިއެވެ. ސޯސަލް މީޑިއާގެ އެކި ވަސީލަތްތަކުން ވަފާ ބްލޮކް ކޮށްލިއެވެ. ވަފާގެ ފޯނު ނަންބަރު ވެސްމެއެވެ. ހަޔާތުގައި ދިމާވި އެ ދުވަސްތައް އަބަދަށް ހަނދާނުން ފުހެލިއެވެ.
-ނިމުނީ-