މީޑިއާ ރެގިއުލޭޓް ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުން ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދު ނުކުރެވޭނެކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި ގޮތުގައި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ މަގްސަދަކީ މީސްމީޑިއާ ރެގިއުލޭޓް ކުރުމެއް ނޫނެވެ. “މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވިއަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓްތައް ބަންދުވާ ގޮތަކަށް ބިލުގައި ނެތް. ތިޔަ ލޮބުވެތި ޒުވާނުން އަދި ރައްޔިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ،” އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފުކުރައްވައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ ޒުވާނުންނާއި ރައްޔިތުންނަށް، ދުވަހަކު ވެސް ނުލިބޭނެ ފަދަ މުޅި މުސްތަގުބަލް އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ 100 އިންސައްތަ ޔަގީންކަން އޮތް ވެރިއެއް ކަމަށެވެ.
އެމްޑީޕީއަށް ފާޑުކިޔައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަކީ ލެޕްޓޮޕަކާއި ފަޅު ރަށަކުން މުޅި ގައުމު ހިންގޭނެކަމަށް ބުނެ، ރައީސް މައުމޫނުގެ ވެރިކަން ދޮގާއި މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށެވެ. އަދި މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށްފައި އެވަނީ 2008 ގައި ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
“ލޮބުވެތި ޒުވާނުން ތީ މިގައުމުގެ މުސްތަގުބަލް، ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާން ޖީލެއް ތީ! ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ތިޔަ ޒުވާނުން ޖެހިވަޑައި ނުގަންނަވާނެކަން އަޅުގަނޑަށް ޔަގީން!” ފަލާހު ވިދާޅުވިއެވެ.

