ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރަން ފަށާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މިހާރުގެ ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައެވެ. މި ބަދަލާ ގުޅިގެން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
“ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތައް ދޫކުރާނެ” ކަމަށް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހު ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނުގެ ދަށުން، މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ވަނީ ނިންމާފައެވެ. އަދި ރެޒިޑެންޝަލް ނޫން އެހެނިހެން ބޭނުންތައް އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދަށް ވަނީ ބަދަލުކޮށްފައެވެ.