އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލަތްތައް އަތުލި މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލައި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެ އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުޒާހަރާ ކުރިއަށް ގެންދަން އެމްޑީޕީއަށް ހުއްދަ ދީފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. ނަމަވެސް އެމްޑީޕީގެ މަޖީދީމަގުން ކުރިއަށް ދާން ފުލުހުން ހުރަސް އެޅުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނެއެވެ.