ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000 ރުފިޔާ) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އަމިއްލަ ބޭނުންތަކަށް ބޭނުންކުރި ކަމަށް ބުނެއެވެ. ބޭންކް ޗާޖަށްފަހު އޭނާގެ އެކައުންޓަށް ޖަމާވެފައިވަނީ 9،999 ޑޮލަރެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، މި ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުންނާއި އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެއެވެ. އަދި މި ފައިސާ އަމިއްލަ ބޭނުންތަކަށް ހޭދަކޮށްފައިވާކަން ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުން އެދިފައިވަނީ ބައްސާމްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ އޭނާ މި ކުށް ކޮށްފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީއެވެ. ނަމަވެސް ބައްސާމްގެ ފަރާތުން އެދިފައިވަނީ، ކުރިން ކުށުގެ ރެކޯޑެއް ނެތުމާއެކު، އަދަބުގެ އެއް ދަރަޖަ ދަށްކޮށްދިނުމަށެވެ.
ގާޒީ ޝަފީއު ވިދާޅުވި ގޮތުގައި، ފީފާއިން ލިބުނު ފައިސާ ބައްސާމް އަނބުރާ ދައްކާފައި ނުވުމާއި، އެ ފައިސާއިން ސިންގަޕޫރުން ތަކެތި ގަނެފައިވާކަން ސާބިތުވާތީ، ދައުލަތުން އެދުނު ގޮތަށް އެންމެ ބޮޑު އަދަބު ދިނުމަށް ނިންމެވީއެވެ. މީގެ އިތުރުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާއެއް ވެސް އުފުލާފައިވާއިރު، އެ މައްސަލަ އަދި ވަނީ ހުކުމަކާ ހަމައަށް ގޮސްފައި ނުވެއެވެ.

