ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރެވިގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، ބަނދަރު މަޝްރޫއުގެ ތެރެއިން މޫދަށް އެރޭ ތަނަކާއި ދޯނި އެހެލާ ތަނެއް ހިމެނިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ނޫމަރާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، މި ސަރުކާރުން އެރަށުގެ ތަރައްގީއަށް ވެފައިވާ ވައުދުތަކަށް ހަގީގީ ކުލަޖައްސަވައި ދެއްވާނެ ކަމަށެވެ.
މިއަދު އެރަށުގައި ފެށި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ މަރުކަޒާއި، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު އަދި މިސްކިތް އެޅުމުގެ މަސައްކަތަކީ ރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ދޯނި އެހެލާ ތަނެއް ބަނދަރު ހެދިގެންދާއިރުގައި ޑިޒައިނަށް ބަދަލު ގެނެސް އިތުރު ކޮށްދޭނަން، އަދި އޭގެ އިތުރަށް، މޫދަށް އެރެވޭނެ ގޮތަށް، މޫދަށް އެރޭ ސަރަހައްދެއްވެސް އިރާދަކުރެއްވިއްޔާ ބަނދަރުގެ މަޝްރޫއިން ހަމަޖެހިގެންދާނެ,” ރައީސް ވިދާޅުވިއެވެ.
އަދި މިރަށުގެ ތަރައްގީއަށް އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓުގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި، ވޮލީކޯޓެއް އެޅުމާއި، ސްކޫލަށް އާ މަލްޓިޕާޕަސް ހޯލެއް އެޅުން ހިމެނެއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ އެންމެ އިސްކަންދޭ އެއް ދާއިރާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފެނާއި ނަރުދަމާ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.