މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގައި ހައްޔަރު ކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ، ވަގަށް ނަގައިފައިވަނީ، މިދިޔަ އޭޕްރިލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ކަމަށާއި، އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކުރި ހަތަރު މީހުން ވެސް ތަހުގީގަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފައިވާއިރު، ބަންދު އަމުރުގައިވާ ގޮތުން އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ 10 ދުވަހަށެވެ. ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ބަންދުކުރީ 15 ދުވަހަށެވެ. އަދި ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށެވެ. އޭނާއަކީ ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ. އަދި މަސައްކަތް ކުރަމުން އައީ ހުޅުމާލެ ޕޯޓުގައެވެ. މީގެއިތުރުން މުއާޒް އަލީ ބަންދުކުރީ ފަސް ދުވަހަށެވެ، އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މި މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން މަނާކޮށްފައިވާއިރު ވެހިކަލްތަކަކާއި ބައެއް އިތުރު ތަންތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނީ ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމިޓީއާއި ރިސްކް ޑިޕާޓްމެންޓާއި އިންޓާނަލް އޮޑިޓްއިން ތަހުގީގާއި އޮޑިޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައެވެ. މިއީ ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ.