މައްކާގެ ޙަރަމްފުޅާ އިންވެގެން 900,000 މީހުންނަށް އަޅުކަންކުރެވޭ ވަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ފައްޓަވާދެއްވާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން މިމަހު 15 ވަނަ ދުވަހުއެެވެ.
އެ ސަރަޙައްދުގައި ނަމާދު ކުރާނެ ޖާގަ ޤާއިމްކުރަނީ އިމާރާތުގެ އެތެރޭގައި އަދި ބޭރުގައި ވެސް އަޅުކަންކުރެވޭނެ ގޮތަށެވެ. އެއީ ޖުމްލަ 12 މިލިޔަން އަކަ މީޓަރުގެ ބިމެކެވެ.
މި ސަރަޙައްދަށް ދީފައިވާ ނަމަކީ ‘ކިންގ ސަލްމާން ގޭޓް’އެވެ.
އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާ އާރުޔޫއޭ އަލްޙަރަމް އަލްމައްކީ ކޮމްޕަނީން ބުނީ އެ މަޝްރޫޢުގެ ސަބަބުން ޙަރަމްފުޅު ބޭނުން ކުރުމުގައި އިތުރު ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫޢުގެ އަގު، އަދި މަޝްރޫޢު ނިމޭނެ ކަމަށް ބެލެވޭ ތާރީޚެއް ޙިއްޞާކޮށްފައެެއް ނުވެއެވެ.
2030 ވަނަ އަހަރުގެ ކުރިން ޙައްޖާއި އުމްރާގެ އަޅުކަމަށް އެ ޤައުމަށް އަހަރަކު 30 މިލިޔަން މީހުން ޒިޔާރަތް ކުރުމަކީ އެ ޤައުމުގެ މަޤްޞަދެކެވެ.