ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2026 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ޖުމްލަ 68 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އައިޔޫއެމްއިން އިއުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި، ޕީއެޗްޑީ ލެވެލްގެ 3 ކޯހާއި، މާސްޓާސް ލެވެލްގެ 17 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހާއި، އެސޯސިއޭޓް ޑިގްރީ 1 ކޯހާއި، ޑިޕްލޮމާގެ 11 ކޯހުގެ އިތުރުން، ސެޓްފިކެޓް ލެވެލްގެ 20 ކޯސް ހިމެނެއެވެ. މި ކޯސްތައް ހިމެނެނީ ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމްގެ ދާއިރާތަކުންނެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެފައި ވަނީ، ޔުނިވަރސިޓީން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
“ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ދަނީ ކިޔެވުމުގެ ކަންކަން ރަނގަޅުކުރެވޭތޯ، އަދި ހަމައެއާއެކު، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ,” ޑރ. ޒާހިރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ މީދޫގައި ޤާއިމުކުރެވިފައިވާ ލާނިންގ ސެންޓަރުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑް ކޮށްވެސް ކިޔެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ 13:00 އެވެ. އަދި ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން 100 އިންސައްތަ ހިލޭ ކިޔެވޭނެ ކޯސްތަކެއްކަން އެ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.