މިމަހުގެ 22 އިން 31 އަށް ބަހްރައިންގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރުމަށް 17 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ބަހްރެއިނަށް ފުރައިފިއެވެ.
މިއީ ރާއްޖެއިން މިއުމުރުފުރައިން އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގާތްގަނޑަކަށް ދެތިންމަސްދުވަހުގެ ފަރިތަކުރުންތަކަށްފަހު ގައުމީ ޓީމު މިއަދު ފުރާފައިވާއިރު، ގައުމީ ޓީމުގެ ކޯޗު ހުސައިން އައްޒާމް ވިދާޅުވީ މި މުބާރާތުން ލިބޭ ތަޖުރިބާއަކީ ކުރިއަށް ހުރި މުބާރާތްތަކުގައި ކާމިޔާބީ ހޯދުމަށް މުހިންމު ބާރަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
ޓީމުގެ ކޯޗު އައްޒާމް ވިދާޅުވި ގޮތުގައި މި މުބާރާތުގައި ވާދަކުރަނީ ކޮންމެހެން މެޑެއްޔަކަށް އަމާޒުކޮށްގެން ނޫނެވެ. “އަޅުގަނޑުމެން މިމުބާރާތުގަ މިޖެހެނީ އަނެއްހެން ބުނަންޏާ އޭޝިއާ އެންމެ ޓޮޕް ޓީމުތަކާ. އެހެންވީމަ މި އޭޖް ގްރޫޕްގަ ހާއްސަކޮށް އޭޝިއަން ލެވެލްގަ ވަރަށް އައު ޓީމު,” އައްޒާމް ވިދާޅުވިއެވެ.
ޓީމުގެ ކުޅުންތެރިންގެ ތެރެއިން ޔޫސުފް މައިޝް މުސްޠަފާ ވިދާޅުވީ މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. “ވަރަށް ބޮޑު އެކްސްޕީރިއަންސަކަށްވާނެ އެހާ ބޮޑެތި ޓީމުތަކާ އެއްކޮށް އޭޝިއާގެ އެންމެ ބެސްޓު ޓީމުތަކާ އެކީ ކުޅެން ލިބޭތީ. ވަރަށް ބައިވަރު ކަންތައްތައް ދަސްވާނެ,” މައިޝް ވިދާޅުވިއެވެ.
އަދި ޓީމުގެ އަނެއް ކުޅުންތެރިޔާ ލަހްފާން އަހުމަދު ޝަހީމް ވެސް ފާހަގަކުރެއްވި ގޮތުގައި މިއީ މުސްތަގުބަލަށް ޓީމު ބިނާވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަޖުރިބާއެކެވެ. “ބައިނަލްއަގްވާމީ މުބާރާތެއްގައި މި އޭޖް ގްރޫޕް އަދި އަލަށް ބައިވެރިވާ މުބާރާތެއް. އެކޮޅަށް ގޮސްފަ ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް މި އުންމީދުކުރަނީ,” ލަހްފާން ވިދާޅުވިއެވެ.