މިދިޔަ ބުދަ ދުވަހުގެ ރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު އެކަކު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ ސްރީލަންކާގެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ މާލެއިން އެރިޔަދުއަށް ދަތުރުކުރަމުން ދަނިކޮށް، ”އަލްމާކް ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެންނެވެ. ހާދިސާ ހިނގި ވަގުތު މި ކޮޅުވެއްޓީގައި 7 މީހަކު ދަތުރުކުރި އަދި ތިން މީހަކު ވަނީ ގެއްލިފައެވެ.
އެމްއެންޑީޢެފްއިން ބުނީ ގެއްލިގެން މިހާރު ހޯދަމުންދާ ލަންކާގެ މީހާގެ ހިލަމެއް ނުވާ ކަމަށެވެ. އެނގިފައިވާ ގޮތުން އޭނާ ހޯދުމަށް މިހާރު ޑްރޯންވެސް ދަނީ ބޭނުންކުރަމުން ނެވެ.
އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނުނު އެކަކީ ގއ.ދާންދޭ، އަހުމަދު ޝިފާން(38އ.) އެވެ. ދެވަނައަށް ފެނުނީ ބިދޭސީއެއްގެ ހަށިގަނޑެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މި ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އަންނަނީ ގެއްލިގެން ހޯދުމުގެ އޮޕަރޭޝަން ހިންގަމުންނެވެ.