ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް އާންމުން ހޭލުންތެރި ކުރުވުމަށްޓަކައި “ޕޮލިސް.އެމްވީ” ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރު ވަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، މި އެޕްލިކޭޝަނުން ސައިބަރ ސްކޭމަރުން ބޭނުން ކުރާ މޮބައިލް ނަންބަރުތަކާއި، އެކައުންޓް ނަންބަރުތަކާއި، ފިޝިން ލިންކްތަކާ ގުޅޭ މަޢުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. އަދި ސްކޭމްގެ އަމަލެއް ހިންގުމަށް ބޭނުން ކުރާ އެކި މެތަޑްތަކާ ގުޅޭ މަޢުލޫމާތު ވެސް މި އެޕްލިކޭޝަނުން ލިބެން ހުންނާނެއެވެ.
އިންސްޕެކްޓަރ އަޒީފް އިތުރަށް ވިދާޅުވި ގޮތުގައި، އެޕްލިކޭޝަން ލޯންޗުކުރެވުމަށްފަހު ކޮންމެ 8 ގަޑިއިރަކުން އެއްފަހަރު މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުންދާނެއެވެ. އަދި އާންމު ފަރާތްތަކުން ރިޕޯޓުކުރާ ސްކޭމް ކޯލްތަކާ ގުޅޭ މަޢުލޫމާތުވެސް ވެރިފައިކުރުމަށްފަހު އެޕްލިކޭޝަނަށް އަޕްލޯޑްކުރެވޭނެއެވެ.
“މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން އިތުރު މީހަކަށް ސްކޭމް ކޯލެއް އައިސްފިނަމަ، އެ މަޢުލޫމާތު އަޅުގަނޑުމެންނަށް އިމްޕޯޓްކޮށް، ވެރިފައިކުރުމަށްފަހު ޕަބްލިޝްކުރެވޭނެ. އެޕް ސަރޗްކޮށްލުމުން ހުރިހާ ރައްޔިތުންނަށްވެސް މި މަޢުލޫމާތު ފެންނާނެ،” އަޒީފް ވިދާޅުވިއެވެ.
މީގެއިތުރުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ނުލިބޭކަމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރާކަން ފާހަގަކުރައްވަމުން އިންސްޕެކްޓަރ އަޒީފް ވިދާޅުވީ، މި އެޕްލިކޭޝަން މެދުވެރިކޮށް މައްސަލަތަކުގެ އަޕްޑޭޓް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށުގެ ޢަމަލުތަކާ ގުޅޭ މައްސަލަތައްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.