ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
144 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ފެން ހިންދާ ނިޒާމާއި ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ މަސައްކަތުގެވެސް 50 އިންސައްތަ ވަނީ ނިންމާފައެވެ.
ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުގެ ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރެވެނީ އުޅަނދުފަހަރަށް ހާއްސަ ހަތަރު ލޭނާއި ހިނގާ މީހުންނަށް ހާއްސަ ސަރަހައްދެއް ހިމެނޭ ގޮތަށެވެ. މަގު ފުޅާކުރުމަށްޓަކައި ފުރަތަމަ ސެގްމަންޓްގެ ބައެއް ސަރަހައްދު މިހާރު ވަނީ ހިއްކާފައެވެ.