އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް (ޕީ.ޑީ) ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ. މިއީ ރާއްޖޭގައި މިފަދަ އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވި ގޮތުގައި، މި ހިދުމަތަކީ ގުރުދާގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. “މިއީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް،” އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ހިދުމަތް ފޯރުކޮށްދޭތާ މިހާރު 18 މަސްދުވަސް ވެފައިވާއިރު، މި ހިދުމަތުގެ ދަށުން، ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ހިދުމަތްވެސް ވަނީ ތައާރަފުކޮށްފައެވެ.
މި އޮކްޓޯބަރު މަހުގެ ކުރީކޮޅު ކުރެވުނު މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ހާއްސަ ތަމްރީނު ލިބިފައިވާ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ. އަދި މިހާރުވެސް މި ހިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އެ ހޮސްޕިޓަލުގައި ކުރިއަށްދާކަން ހަލީމް ފާހަގަކުރެއްވިއެވެ.
ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މި ހިދުމަތް ތަޢާރަފުކުރުމާއެކު، ގުރުދާގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.