އައްޑޫސިޓީ ކައުންސިލް އެކުލެވިގެންވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު، ލުމުގެ ޙައްޤު 9576 އަށްވުރެ ގިނަ މީހުންނަށް ލިބޭކަމަށް “އިލެކްޝަންސް ކޮމިޝަން” އީސީން ހާމަކޮށްފިއެވެ.
ރީ-ރަޖިސްޓްރޭޝަނަށްފަހު އީސީން މިހާރު ވަނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށްފައެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. އަދި އެ މައުލޫމާތުތައް ދައްކާގޮތުގައި މުޅި ޖުމްލަ 9576 މީހަކަށް މި ވޯޓުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންދެއެވެ.
އީސީން ކޮށްފައިވާ އިއުލާނުގައި ވަނީ އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ވޯޓު ދިނުމުގެ ޙައްގު 4355 މީހުންނަށް ލިބޭ ކަމަށެވެ. އަދި މީދޫގެ 2347 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބޭއިރު، ހުޅުދޫގެ 2874 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބެއެވެ.
މި ވޯޓުގައި ވޯޓުފޮށިތައް ބަހައްޓާނީ ފޭދޫ އާއި މީދޫ އާއި ހުޅުދޫގެ އިތުރުން މާލޭގައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާގޮތުގައި މިދިޔަ ހަފުތާގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ރީ-ރަޖިސްޓްރީ ކުރީ 255 މީހެކެވެ.
މި ވޯޓުގައި ކޮންމެ ރަށަކަށްވެސް ވަކި ސުވާލެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ހުށަހަޅުއްވާފައެވެ. އެއީ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ވަކި ކައުންސިލެއް އޮންނަން ފެނޭތޯއެވެ. މި ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ވޯޓުގައި ކޮންމެ މީހަކުވެސް ވޯޓުލުމަށް ރަޖިސްޓްރީވެފައި އޮންނާނީ އެމީހަކު މިދިޔަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ރަޖިސްޓްރީކޮށްފައިވާ ތަނަކަށެވެ. ހުޅުމާލެ އާއި ވިލިމާލެއަށް ރަޖިސްޓްރީ ކުރި މީހުންގެ ރަޖިސްޓްރީ، ރީ-ރަޖިސްޓަރ ނުކުރާނަމަ އޮންނާނީ މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށެވެ.
ވޯޓުލާން ރަޖިސްޓްރީ އެހެން ރަށެއްގައި ކޮށްފައި ތިބި މީހުން ރީ-ރަޖިސްޓްރީ ނުކުރާހިނދަކު އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ރަޖިސްޓްރީ ބަދަލުވެފައިވާނެ ކަމަށް އީސީން މީގެ ކުރިން ވަނީ ވިބުނެފައެވެ.