ވާހަކަ
ވާހަކަ: މި ހަޔާތުން ހަމަ އެންމެ ދުވަހެއްގައި -1

ވާހަކަ ލިޔުނީ: މަމްދޫޙު އިބްރާހީމް (މަންދު)

ފެންނަން ހުރި ގަސްގަހުގެ ފަތްތައް ފީވެގެން ގަހުން ވަކިވެ، ވަޔާ ވިހުރެމުން މަގުގެ އެއްކޮޅުން އަނެއް ކޮޅަށް، ޖެހެމުން ދިޔަ ވައިރޯޅިން ބުރައިގެންދެއެވެ. މަގުމަތީގައި ދުއްވާ ތަކެތީގެ ބަރުގޮނު އެޅުމާއި ހޭލަމޭލައަށް ދެފަރާތަށް ދުވާރުމަތީ ދެކޮޅަށް މަޑުޖެހުމެއްނެތި ހިނގާބިނގާވެ އުޅޭ މީހުން އެހާ ގިނައެވެ. ވަށައިގެންވާ މާޙައުލުގައި ހުރި އެތައް ކެފޭ ރެސްޓޯރަންޓުތަކުގެ ހަލަބޮލި އަޑުތައް ނުހުއްޓި ގުގުމަމުންދެއެވެ. އަދި ދުއްވާ އުނޅަދުފަހަރުން އަރައިގެން އަންނަ ދުންގަނޑުން ފުސްބުރާފައިވާލެއް ބޮޑުކަމުންނާއި ތޮއްޖެހިފައިވާ މީސްތަކުންގެ ނޭވާއެކުވެގެން ޖައްވަށް ފެތުރިފައިވާ ވިހަ ގޭހުގެ ސަބަބުން ސާފު ވައިގެ އަސަރެއްވެސް ނެތް މަގެއްމަތިން ހުރަސްކޮށްލިއަސް ނޭވާ ހާސްނުވެ، ހަމަ ނޭވާއެއް ލެވުމަކީ ވާނެކަމެއް ނޫންކަން ގައިމެވެ.

ރަތްދަކަ އަވިން ދާހިއްލައި ދުވަހުގެ ހޫނުން ކަރުހިއްކައިގެންގޮސް ހަލާކުވާވަރު ވެފައިވާ އޭނާގެ އިސްތަށިގަނޑު އޮތީ ހޭވި ހާވިޔާވެފައެވެ. މިއިން ދުވަހެއްގައިވެސް އަޅާލައި ސަމާލުކަން ދީފައި ނެތްކަހަލައެވެ. ހޭވިފައި އޮތް އިސްތަށިގަނޑުން މޫނަށް އުނދަގޫކުރާ އިރު އޭގެ އިހުސާސެއްވެސް ނުވާ ހާލު، އޭނާ ތުނބުގައި އިން ސިނގިރޭޓު ނަގައި ދެއިނގިލި ކުރިން އެއްލާލީ ޕޭމަންޓްގައި އަރިމައްޗަކަށް ހުރި ގަހެއްގެ ބުޑަށެވެ. ވެފައި ހުރި ވަރުބަލިންނާއި ހައިވެފައި ހުރިވަރުން ނުވަމަހަށްއަޅައިގެންފައިވާ ބޮޑު ބަނޑުގައި އަތުން ހިފަހައްޓައިގެން ކަހަލަ ގޮތަކަށް ކުރިމަތިން ފެންނަން ހުރި ކެފޭގައި އަތުރާފައިވާ ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލިއެވެ. ދެން އިތުރަށް ކޮޅަށް ހުރުން ވޭނަކަށްވެ ކޮޅަށް ހުއްޓާ ވެއްޓިދާނެ ކަމުގެ ބިރު ހީވެފައި ގޮނޑީގައި އިށީނުމާ އެކުގައި ލެވުނީ ފުން މާނޭވާއެއް ލެވުނީ ހިތްހިތާ ކުރި ސުވާލަކުންނެވެ.

އޭނާ އެކަނި މިކަން ކުރާނީ ކިހިނެއްހެއްޔެވެ؟ ބަނޑަށް ތިންމަސްވެފައި ވަނިކޮށް އިނދެގެން އުޅުނު ފިރިމީހާ ހައްޔަރުކުރީ މާރާމާރީއެއްގައި ބޮޑު ހަމަނުޖެހުން ގަނޑެއްގައި ރޭގެ ވަގުތެއްގައެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާ މެދުގައި ވިސްނާ ފިކުރުކޮށްލެވުނީ ބޭނުން ނުވިޔަސް ވިސްނަން މަޖުބޫރު ވީމައެވެ.

ދީމާގެ ހިތަށް އެރިއެވެ…

“މިކަމެއް ވެސް ހިނގަން މެދުވެރިވީ ވާން ހުރިކަމެއް ވީމައެވެ. އޭނާއަށް ހަޔާތަކީ އުފާވެރި ނުވަތަ ހިތާމަވެރި ކަމެއް ވިއަސް ތަގުދީރުގައި ވާން ހުރި އެއްވެސް ކަމެއް،  އޭނާގެ ހަޔާތުގައި ގުޅިލާމެހި ކަމަކަށްފަހު ކަމެއްގައި ބުރައާއި ތަކުލީފުތައް އުފުލަން ނުހެޖި ނުވެނުދާނެކަން ޔަޤީނެވެ.” ފުންނޭވާއެއް ލައި ކުރިމަތީގައި ހުރި ބިއްލޫރިތަށިން ފެންފޮދެއް ބޯލިއެވެ.

ވިސްނުމާއި ފިކުރުބޮޑުވެގެން ސިކުނޑިޤަރާރުވެގެން ބޯހަމަ ޖައްސާލަން އަދި މިކެފޭގައި ސިނގިރޭޓެއް ބޯން އޭނާ އެއިނީ ލިބިފައިވާ ނުތަނަވަސްކަމާއި ކުޑަހިނދުކޮޅަކަށް ނަމަވެސް ދުރަށް ޖެހިލަން ބޭނުންވެގެނެވެ.

އޭނާގެ ފިރިމީހާ އުޒޭރާ އެކުގައި ދިރިއުޅުން ބިނާވެފައި އޮތީ އެހާ އުފާވެރި ދިރިއުޅުމަކަށް ނުވިއަސް ފިރިމީހާއާއެކު އޭނާ އުޅުނީ ތެދުވެރިކަމާއެކުގައެވެ. އުޒޭރުގެ ކަށީގައާއި ލޭގައި ދެވި ހިފާފައިވާ ނުބައިވަބާއަކާ ހެދި އަމިއްލަގައިގައި އަޅާ ވޭނުން މިންޖުވާން “ސިކު ފިލުވަން” އެ “އެތިކޮޅު ނުހޯދާ” ފަރުޖައްސާލެވެން ނޯންނާތީ އުޒޭރު އެކަމަށްޓަކައި ޖެހުނުކޮންމެ ކަމެއްވެސް ކޮށްލަނީ ފަސްޖެހުމެއްނެތިއެވެ. އެންމެ ފަހުން މި ނާޒުކު ދަނޑިވަޅުގައި، ވިހަން ގާތްވެފައިވާ ބަނޑަކާއެކު ދީމާ އެކަނިކޮށްލާފައި އުޒޭރު އެދިޔައީވެސް ހަމަ އެ “އެޑިކްޝަނުގެ” ސަބަބުންނެވެ.

މިވަގުތު އުޒޭރު އެއޮތް ހާލުގައި ގޮޅީގައި އެއޮތީ އޭނާގެ އަމިއްލަ “ސިކު” ފިލުވަން ފައިސާ ބޭނުންވެ، މީހަކު ފޭރިގަންނަން އުޅެން ހަދައިގެންނެވެ. “އެތިކޮޅު” ގަންނަން ފައިސާ ބޭނުންވެ، މީހަކަށް ބިރުދައްކައިގެން ނުހައްޤުން ފޭރިގަންނަން އުޅެ އެންމެ ފަހުން ވަޅިން ދެއްކި ބިރު ބަދަލުވީއެވެ. ވަޅިން ހަމަލާދީ ކުށެއްނެތް މީހެއްގެ ފުރާނަ ނަގާލިހިސާބުން ދެން އުޒޭރު މިސްރާބުޖަހަން ޖެހުނު އަނދިރި ރާސްތާއިން، އުޒޭރަށްވުރެ ބޮޑަށް ބަދުނާމާއި ހިތާމައާއި ވޭނެއް އުފުލަން ޖެހުނީ ދީމާ އަށެވެ.

ދީމާ މިއަދު މިހެން އެކަނި އޭނާގެ ހަޔާތާ މެދުގައި ވިސްނާފިކުރު ކުރަން އިނަސް އޭނާއަށް އަޅާލާނެ އެހެން އިތުރުމީހެއް ނެތީ އޭނާއަކީ ވެސް ތުއްތުއިރުގައި މައިންބަފައިން މަރުވެ އެކަނި މާއެކަނި އެހެން މިހެން ބޮޑުވެފައި އިން އަންހެނަކަށް ވީމައެވެ. މާރަނގަޅު ތަޢުލީމެއް ލިބިފައި ނެތަސް އޭނާއަކީ އެއެގެއިން އަނެއްގެއިން މީހުނަށް ރެއާދުވާލު ގުލާނު ކޮށްގެން ބަނޑުފުރާ މުއްތިކުރާނެ ކާއެތިކޮޅު ހޯދުމަށް ސަލާމް ޖަހަމުން އައި ނިކަމެއްޗެކެވެ.

އުމުރުން އެންމެ ވިހި އަހަރުގައި ދީމާއަށް ފުރަތަމަ އުޒޭރުއާއި ދިމާވީ ތަރުކާރީއާއި ބަދިގެއަށް ބޭނުންވާ ކެއްކުމުގެ ސާމާނު ވިޔަފާރިކޮށްގެން ގެއަށް އައި މަގުމަތީގައެވެ. އުޒޭރަކީ އޭނާ އަޅާބަލާއިރުގައި ފަސް އަހަރު ދޮށީމީހެކެވެ. ކޮންމެ ދުވަހެއްގައި ދެދަޅައަށް ފިހާރައަށް ވަދެނިކުންނަ މި މަންޖެއަށް ފަސްފަހަތުން “އާނ” ބަސްބުނޭތޯ މުގޯލި އަޅަމުން އުޒޭރު އުޅުނީ ތިޔަހެނެއްނޫނެވެ.

ނަމަވެސް އުޒޭރަކީ އޭރު މަސްތުވާ ތަކެތީގެ ޝިކާރައަށް ވެފައިވާ މީހެއްކަމެއް އޭނާއަކަށް ނުވިސްނުނީ ހުދު އޭނާއަކީ ވެސް މާހިތްހަމަ ޖެހޭ ތަނަވަސް ދިރިއުޅުމެއްގައި ދިރިއުޅެމުން އައި އަންހެންކުއްޖަކަށް ނުވީމައެވެ. ހެވާނުބައި ބުނެދީ ނަސޭހަތްދޭނެ އެހެންމީހަކު ހަޔާތުގައި ނެތް ދީމާއަށް ވެސް އަލަށް މި ލޯބިވެވުނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އުޒޭރު ދެކެ އެވެ.

ކޮންމެ ދުވަހެއްގެ ރަސްމީ މަސައްކަތްތަކީ ތަންސާފުކުރުމާއި ކެއްކުމާއި ފިހާރަތަކުން ވިޔަފާރިކުރަން ދިޔުމާއި އަދި ކުޑަކުދިން ސްކޫލަށް ގެންގޮސްދީ ގެއަށް ގެނައުން ފަދަ ކަންތައް ކުރުމެވެ. އަވަދިނެތި މިހެން އުޅުނު ދީމާއަށް މިނޫން އެހެން ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައި ވިސްނުނީ މީހަކާ އިނދެގެންކަމަށް ވީތީ އޭނާގެ ޒުވާން އުމުރު މި ފިރިހެނެއްގެ އަވާގައި ޖެހި ކުރެވުނު ކައިވެނި މިއީ އެޅުނު ޅަ އެއްޗެއްކަން އެނގުނީ އުޒޭރުގެ ދިރިއުޅުން ހުރިގޮތުންނެވެ. އޭރުގައި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާމީހެއްކަން ނޭނގުނަސް ދީމާ ބަލިވެއިންތާ ބަނޑަށް ތިންމަސް ފުރުމުން އުޒޭރުގެ ހަރުކަށި ބަސްތަކާއި ގެވެށިއަނިޔާތައް އިތުރުވާން ފެށީ ލިބޭ ފައިސާއިން ދެ އިރުގެ ފުރާގު ވެސް ހަމަޖައްސާ ނުލެވޭތީއެވެ.  އުޒޭރު ދިރިއުޅުން ހުރިގޮތުން އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަން އެނގުމުން ދީމާއަށް އުއްމީދުތައް ފަނޑުވިއެވެ. އެހެނަސް ހިތްވަރުކޮށްފައި ދިރިއުޅުން ރަނގަޅުކުރެވޭތޯ ވެވުނު ހުރިހާ ކަމެއް ކުރަން އޭނާ ހިތުލިއެވެ.

އެހެނީ އުޒޭރު ކަހަލަ މީހެއްގެ ހަޔާތަށް އައިސް މިހާރު މިއިނީ އެކަމުގައި ސަލާމަތް ނުވާވަރަށް އެދަލުގައި ޖެހި ހައްޔަރުވެފައެވެ. އެންމެ ބޮޑު ސަބަބަކީ އޭނާ ބަލިވެ އިންކަން އެނގުނު ހިސާބުންނެވެ. ކުރިން ނޭނގިފައިވާ ކަމެއް؛ މާރާމާރީގެ ކުށުގައި އެތައް ފަހަރަކު ގޭބަންދުގައި ބަހައްޓާފައި ހުރި އުޒޭރު ގެއިން ފިލައިގެން އުޅޭކަން ވެސް އޭނާއަށް އެނގުނީ އެއްދުވަހެއްގައި ގޭންގް ބަޔަކު ފައިސާގެ މައްސަލައިގައި އުޒޭރު ހޯދަން އެމީހުން ދިރިއުޅޭ ކުޑަ ކޮޓަރިގަނޑަށް އައިސް އުޒޭރަށް ބިރުދައްކައި އެކޮޓަރިގަނޑެއްގައި ހުރި އެއްޗެއްސަށް ގެންލުންދީ ހިފާގެންގުޅޭ ބައެއް ސާމާނުތައް ފޭރިގެން ދިޔުމުންނެވެ.

އެބަޔަކަށް ވެސް ފެންނަން އިނީ މަޢުސޫމު ނިކަމެތި މާބަނޑުވެފައި އިން އަންހެނެއް ކަމުން ދީމާގެ ނަސީބުހުރިގޮތުން އޭނާއަށް އެއެވެސް ހަމަލާއެއް ނުދީ އެބަޔަކު އެތަނުން ނިކުތީ އުޒޭރު ފެނިއްޖެ ނަމަ އޭނާ ކުރި ވައްކަމުގެ ބަދަލުހިފަން ބޮޑު އިންޒާރެއް ދީފައެވެ. އެދުވަހު އޭނާގެ ފިރިމީހާ ލޮލަށް ނުފެނި ހަތަރުދަމު ކަންބޮޑުވުމާއި ފިކުރާއި ހިތްނުތަނަވަސް ކަމުގައި ލޮލުން ކަރުނަ އޮހޮރުވަން އޮވެފައި، ތެދުވީ ހައިބޮޑުވެގެން ކާއެއްޗެއް ކާން ހިތައިއެވެ. ނަމަވެސް އެރޭގެ އިތުރު ނުތަނަވަސްކަމެއް ގެނުވީ އޭނާއަށް ލިބުނު ފޯނުކޯލަކުންނެވެ. އެކޯލު ދިނީ އޭނާގެ ފިރިމީހާ ހައްޔަރު ކުރި ހަބަރެވެ. އަދި އެ ހަބަރުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ފަދައެވެ.

ހަލަބޮލި ކެފޭގައި އެކިޚިޔާލުތަކަށް މިހެން ވިސްނަން އިނދެފައި އޭނާއަށް ބޮލަށް އެނބުރުން އަރާގޮތްވެ ފެންނަން ހުރި ތަންތަން ނުސާފުވާން ފެށިއެވެ. މިވީ ކިހިނެއްކަމެއް ނޭނގުނަސް އެހެންނޫނީ ނުވާފަދަ ގޮތަކަށް މެއަށް ތަދެއް އަރައި ގައިގާ ރިހެން ފެށުމުން އަވަހަށް ކެފޭއިން ނިކުމެގެން އޭނާ އުޅޭ ކޮޓަރިގަނޑަށް ދިޔައެވެ. ވިސްނެނީއެވެ. އުޒޭރާ ނުލައި އޭނާ ދިރިއުޅުން ބިނާ ކުރާނެ ގޮތަކާ މެދުގައެވެ. ބަނޑުގައި މި އޮތް ތުއްތުދަރިފުޅު މި ދުނިޔެއަށް އުފަން ވުމުގެ ކުރީން މިނޫން ގޮތަކަށް ދިރިއުޅުން ބިނާކުރަން އޭނާ ހިތަށް އެރިއެވެ. މޭނުބައިކޮށް ހޮޑުލަވާ ގޮތްވެ، އޭނާއަށް ހޮޑު ލެވުނެއް ގިނަކަމުން އަނގައިން ލޭ އައުމުން ބިރުގެންފިއެވެ.

ޖެހިގެން އައި ދުވަހު ހޮސްޕިޓަލަށް ދިޔައީ ރައްކާކޮށްފައި އޮތް ފައިސާކޮޅު ހިފައިގެން ހަށިގަނޑުގައި ވަރުދެރަވާތީ ވެގެން އުޅޭ ކަމެއް އޮޅުން ފިލުވާށެވެ. ވަރުދެރަވެފައިވާ ދީމާ ގައިން ލޭ ނަގައި ޓެސްޓުކުރުމުން ލިބުނު ޚަބަރަކީ ރިހޭފައިމައްޗަށް ފޮއިވެއްޓުން ކަހަލަ ހިތްދަތިކަމުން ގޮތްހުސްވަރުވާ ވަރުގެ ކަމަކަށް ވިއަސް އޭނާ ހިތްވަރުކޮށްފައި ހިތުގައި އަޒުމްކަނޑައެޅީ ބަނޑުގައިވާ ދަރިފުޅު ހެޔޮހާލުގައި ދުނިޔެއަށް އުފަން ކުރުވާށެވެ. އެދުވަހު ހޮސްޕިޓަލުން ނިކުމެގެން ގެއަށް ދިޔަ މަގުމަތީ ސަހަރާ އާ ހަމައަށް އާދެވުމުން ފުންނޭވާއެއް ލެވުނެވެ. ލޮލުން ފޭބި ހިތްދަތި ކަރުނަ ފުހެލީ ތުންފަތް މައްޗަށް މަޑުމޮޅި ހިނިތުންވުމެއް ގެންނަނަމުންނެވެ. އެއީ އެންމެ ފަހުވަގުތުގައި މިދުނިޔޭގައި އޭނާއަށް އޮށޯންނަން ޖެހޭނެ ޖާގަ ލިބޭނެ ބިންކޮޅަށް ސަހަރާގެ ފަސްގަނޑު ވާނެކަން ހިތަށް އަރަމުންނެވެ. އެރޭ ނިދަންމަސައްކަތް ކުރިމެ އެހެނަސް ނިދޭ ގޮތްނުވިއެވެ.

ފިރިމީހާ ވީ ޖަލުގައިކަން އޭނާއަށް އެނގޭއެވެ. ކަންތައް ވާނެގޮތެއް ނޭނގެއެވެ. ދުވަހަކުވެސް އަޑު ނާހާކަމެއް އޭނާއަށް މި ދިމާވީ އޭނާގެ ދިރިއުޅުން ވިޔާނުދާ ވެގެން ނޫންވިއަސް އޭނާ ހަޔާތުގައި ގޮށްޖަހައި ފެށުނު މި ދިރިޅުމުން އޭނާގެ ނިކަމެތި ހަޔާތައް ގުޅިލާމެހި ލޯބިވި މީހެއްގެ ސަބަބުންކަން އެނގުނެވެ. ކުރާނީ ކީއްހެއްޔެވެ؟ ތަޤްދީރުގައި އޭނާއަށް ވާން ހުރި ގޮތް ނުވެނުދާނެ ކަމާއި މެދުގައި ޝައްކެތް ނެތެވެ. މި ހަޔާތުން ނޭވާލާން ލިބޭނީ ކިތައް ދުވަސްކަމެއް ނޭނގުނަސް ހަށީގައި ފުރާނަ ހުރިހާ ހިނދަކު އޭނާ ހިތްވަރު އެލުވާލައިގެން އުއްމީދު ފަނޑުކޮށްނުލާނެ ކަމަށް ހިތުގައި އަޒުމްކަނޑައެޅިއެވެ. ދެފައި ވަށްކޮށްގެން ލޮލުން ކަރުނަ އޮހޮރުވަން މިހެން އިނަސް ކަމަކު ނުދާނެއެވެ.

ހިތްވަރުކޮށްފައި މާދަމާގެ އިރުއަރަން ވާއިރަށް ކޮންމެވެސް ގެއަކަށް ގުލާނު ކޮށްދޭން ފިޔަވަޅުތަކަށް ހުއްޓުމެއް ނުގެނެސް ހިނގަންވީއެވެ. ބަނޑުގައި މިއޮތް ކުއްޖާފުޅު ދުނިޔެއަށް އުފަން ކުރަން ބޭނުން ވަނީ އޭނާއަށް ދެން މި ހަޔާތުން ހިނިތުންވުމެއް ލިބޭނީ މި ދަރިފުޅު ފެނުމުންކަން ޔަޤީން ވާތީއެވެ.

(ނުނިމޭ، 2 ވަނަ ބައި މާދަމާ…)

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!