މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށިމިޔަރުގެ މަސްވެރިކަން އަލުން ފެށުމަށްޓަކައި އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާއި ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ އޯގަސްޓް މަހު ކުޅުދުއްފުށީގައި އިޢުލާންކުރެއްވި ގޮތަށް، އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ހުޅުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، “ކަށިމިޔަރުގެ މަސްވެރިކަމަކީ ކުރީގައި ރާއްޖޭގައި ކުރަމުން އައި މަސްވެރިކަމެއް ނަމަވެސް، އެކި ސަބަބުތަކާ ހުރެ ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އެ މަސްވެރިކަން ހުއްޓާލަން ޖެހުނީ”. އެހެންނަމަވެސް ތިމާވެށްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާ ބެހޭ ވުޒާރާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު އަލުން މި މަސްވެރިކަން ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކުރިން ކުރަމުން އައި ތިން ބާވަތުގެ މިޔަރު މަސްވެރިކަމުގެ ތެރެއިން ކަށިމިޔަރުގެ މަސްވެރިކަން ހުއްޓާލަން ޖެހުނީ، އޭރު ކުރެވުނު ދިރާސާތަކުން މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެވުމާ ގުޅިގެންނެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެކެވެ. އަދި މިއީ ކަށިމިޔަރު ތެޔޮ އުފެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ބެލެވެއެވެ. މިއީ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ އިތުރު ފިޔަވަޅެކެވެ.