ލ. ފޮނަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ތިން އަހަރު ތެރޭގައި ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި މަޝްރޫޢުގެ ދަށުން ފޮނަދޫއަށް 30 ހެކްޓަރުގެ ބިން އިތުރުކުރެވި، ކައްދޫގައި 2,800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާނެ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، މިހާރު ކައްދޫގައި ހުރި އެމްއެންޑީއެފްގެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަށް 114 ހެކްޓަރުގެ ބިން އެއާޕޯޓުގެ ބޭނުމަށް ހިއްކޭނެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މާދަމާއިން ފެށިގެން ފެށޭނެއެވެ. އަދި ދެ ރަށުގެ ބިންހިއްކުމުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި އަތޮޅުގެ ތަރައްގީއަށް، ޚާއްސަކޮށް ޓޫރިޒަމްގެ ބޭނުމަށް، މި އެއާޕޯޓް ތަރައްގީވެގެން ދިއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ފޮނަދޫ އާއި ކައްދޫން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. އަދި އެއާޕޯޓަށް ބޭނުންވާ ރަންވޭ ތަރައްގީކުރުމާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.