މި ޙަޔާތުން ހަމަ އެންމެ ދުވަހެއްގައި؛ ދެ ވަނަ ބައި
ދުވަސްތަކެއް ވޭތުވަމުން ދިޔައީ އެހާމެ ހަލުވިކަމާ އެކުގައެވެ. ރެއާދުވާލު އޭނާއަށް ކުރެވޭ މިންގަނޑަށް ކުދިކުދި މަސައްކަތްތައް ކޮށްގެން އޭނާއަށް ޒަރޫރީ ބޭނުންތައް ފުއްދާލަން ލިބޭ މަދު ފައިސާކޮޅުން ބާކީ ކޮށްލާ މި ވަކި ލާރިކޮޅުންވެސް ދަޅަކަށް އަޅައި ރައްކާކުރަނީ ވިހަން ވާއިރަށް ހޮސްޕިޓަލުގައި އޮވެ އޮށްޓަރެއްހުރި ކާއެއްޗެއް އަރުތެރެއަށް ލެވިގެން ނޫނީ ދަރިފުޅަށް ގާތުންވެސް ދެވޭވަރު ކުރަން ބޭނުންވާތީ އެހެން މީހެއްގެ އަތުން ދަރަނި ނުވާން ނުވަތަ ސަލާން ޖަހަން ބޭނުން ނުވާތީއެވެ. އޭނާގެ ހާލާ މެދު ވިސްނުމަށް ވުރެ ލިބެން އުޅޭ ދަރިފުޅަށް ވެދާނެ ގޮތަކާއި މެދުގައި ވިސްނާ ފިކުރުތައް ބޮޑުވެފައި ވަނިކޮށް އިތުރު ނުތަނަވަސްކަމެއް ހިތަށް ލިބުނީ އިވުނު ޚަބަރަކުންނެވެ.
އޭނާގެ ފިރިމީހާ ޖަލުގައި ހިންގިމާރާރީއެއްގައި ބޮލަށް ލިބުނު ބޮޑު ޒަޚަމެއްގައި ސިކުނޑިއަށް ލޭ އެޅިގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކުއްލިއަކަށް ހާރޓް އެޓޭކެއް ޖެހިގެން މި ދުނިޔެއާ ވަކިވި ވާހަކައެވެ.
މީގެ ކުރިން ރިސޯޓުތަކުގައި އެކި މަސައްކަތްތައް ކުރަން ދަތުރުފަތުރު ކުރަން އުޅުނު އުޒޭރުއަށް އަލިމަގުން ކައްސާލީ އޭނާއަށް މަސްތުވާ ތަކެތީގެ ވަބާގައި ޖެހިގެނެވެ. އަދި އެހެންމެ އުޒޭރު އުޅެމުން އައި ވިޔާނުދާ ދިރިޅުމުން އޭނާއަށް ޖެހުނު މި ބަލީގައި ޝިކާރައަކަށް ދީމާވުން މިއީ އެންމެ ނިކަމެތި ހިތްދަތިކަމެވެ. ކެނޑިނޭޅި ހުއްޓުމެއްނެތި އޭނާ ލޮލުން އޮހޮރިގެން ފައިބާ ކަރުނަތައް އަގުވަޒަން ކުރާނޭ އެހެން މީހަކު ނެތްތާނގައި ކަރުނަ އަޅަމުން ލޯފާރުވެފައި ދުޅަވެގެން އޭނާގެ މޫނު ފުފިގެން ވޭނުގައި އުޅޭއިރުގައި ވެސް އޮތް ތައްމަތިން ތެދުވެފައި ޖެހިގެން ހުރި މޭޒުމަތީގައި ހުރި ފެންފުޅިން ފެންފޮދެއް ތަށްޓަށް ނާޅާފިނަމަ އެ ބިއްލޫރިތަށްޓައް ފެންފޮދު އަޅާދޭނެ އެހެން އިތުރުމީހަކު ގާތުގައި ނުހުންނާނެއެވެ.
ކަރުހިއްކައިގެން ތަލި ތަތްވެފައި އޮވެފައިމެ ހިތްވަރުކޮށްފައި ތަންމަތިން ތެދުވީ އަދު އޭނާ އެ ފެންފޮދުވެސް ނުބޮއެފިނަމަ ބަނޑުގައި އޮތް ދަރިފުޅަށް ދެރަ ގޮތެއް ވެދާނެތީ އެކަމާ ވިސްނާފައެވެ. މީނާ ފެންފޮދު އަރު ތެރެއިން ދިރުވާލަނީ ބަނޑުގައި އޮތް މި އޮތް ތުއްތުދަރިފުޅުގެ ހައްޤުގައި ފެންފޮދެއް ނުވަތަ ކާއެއްޗެއް ނުކައިފިނަމަ އެކުއްޖާފުޅަށް ކުޑަވެސް ގެއްލުމެއް ލިބިދާނެކަމުގެ ބިރަށެވެ.
ކިތަންމެ ނިކަމެތި އަންހެނަކަށް ވިއަސް ދީމާއަކީ އަޚްލާގު ރަނގަޅު އަންހެނެކެވެ. ދުވަސްތަކެއް ފާއިތުވާން ފެށީ އޭނާ ތަޙައްމަލު ކުރާ މި ބޮޑު ބަލީގައި ވަރަށް ބައިވަރު ވޭނާއި ކެކުޅުމުގައެވެ. ދަންވަރު ވަގުތެކެވެ. ހަށިގަނޑުގައި ހަކަތަ ދަށްވުމާއި ނޭވާލުމަށް ދަތިވުމާއި އަރިކަށީގައި މި ރިހޭ ރިހުމަށް ކުޑަވެސް ލުޔެއް ނުލިބި މިހެން އޭނާ އޮންނަ ގޮދަޑިމަތީގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ ރޭދުވާ ކެތްކުރަނީ ދަރިފުޅު އުފަން ވާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށެވެ.
ހިތަށް އެރީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. އޭނާ ހިތްވަރުކޮށްފައި ތެދުވެ ހުދު ކަރުދާސްގަނޑެއްގައި ވަރަށް އޯގާތެރިކަމާއި ފުން އަސަރާއެކުގައި ސިޓީއެއްލިޔަން ފެށިއެވެ.
ފަހަރުގައި މި ސިޓީއަކީ އޭނާއަށް މިއުފަން ނުވާ ދަރިފުޅަށް ދީމާ ދިރި ދުނިޔޭގައި ހުރެއްޖެނަމަ އޭނާގެ ފަރާތުން ދެވޭނެ އަމާނާތެކެވެ. އޭނާގެ ބަނޑުގައި އޮތް ތުއްތު ކުއްޖާއަށް އޭނާ މަންމަގެ ފަރާތުން ލިބޭނެ އަގުހުރި ހަދިޔާއަކަށް މެނުވީ ނުވާނެއެވެ. މަންމަގެ ކުށެއް ނެތަސް މަންމަގެ ފަރާތުން ޖެހިފައިވާ ރަނގަޅު ނުވާނެ ރޯ ފާރުގަނޑެއްގައިވާ ޒަޚަމެއްގެ ހުރި ބިރުވެރި ކަމުގެ ސަބަބުން ދަރިފުޅު މި ދުނިޔޭގައި އުފުލަން ޖެހިދާނެ ތަކުލީފާއި ހިތްދަތިކަމަށް ނިހާޔަތައް މާފަށް އެދެމުން މި މަންމަގެ ހިތުގައި ދަރިފުޅަށް ހެޔޮދުޢާއާއި އުފާވެރިކަމާއި ހިތްހަމަޖެމާއި ބާއްޖަވެރި ހަޔާތެއް ލިބުން ނޫން އެހެން ކަމެއް ނެތްކަމަށް ލިޔުނީ ލޯ ކަރުނުން ފޯވާ ހާލުގައެވެ. މަޑުމޮޅި ހިނިތުންވެލުމަކާއެކު އޭނާ އަގުހުރި ބަސްތަކުން އެމުނެމުންދާ ސިޓީ ލިޔުން ކުރިއަށް ގެންދިޔައެވެ. އެއްވެސް މީހަކަށް މާދަމާ އަރައިގެން އަންނަ އިރާ އެކުގައި ކޮންމެ އައު ދުވަހަކަށް ކަންތައް ވާނެގޮތެއް ނޭނގެނީ އެއީ ޣައިބުގައިވާ އެ ކިޔާ މުސްތަޤްބަލަށް ވީމައެވެ. އޭނާ ބަނޑުގައި އަށަގެންފައި މި އޮތް ތުއްތު ދަރިފުޅަށް ދުނިޔޭގެ އަލިކަން ލިބި ދުނިޔޭގެ ހަޔާތަށް ކުރިމަތިލައި، އިމްތިހާންތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށް ބުނަމުން މަންމައާއި ބައްޕަ ނެތް ދުނިޔެއެއްގައި، ދުވަހަކުވެސް މަންމަ ހިތުގައި ދަރިފުޅަށް އޮތް އޯގާތެރި ލޯތްބައް ޒައްރެއްގެ މިންވަރަށް ވެސް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ބުނެ ވަޢުދުވަމުން ސިޓީ ކުރުކޮށްލިއެވެ.
އޭނާ ދެފައި ކަކުލު ހުޅުން ތިރީގައި މިހާރު އެ ރިހޭ ރިހުމަށް ކެތްނުވެގެން ފައިތިލައަށް ނަޒަރު ހިންގާލެވުނެވެ. ފައިގެ ނާރުތައް، ފެހި ނާރުތަކުން ފުފިފައި ދުޅަވެފައި ހުރުމާއެކު، ވާތަދުން ގުޑާލަން ނުކެރެއެވެ. މިއަށް ވުރެ ބޮޑަށް އުނދަގޫވީ އޭނާއަށް އެނގުންނުވެ ހަށިގަނޑުން ފޭބިލޭ ފެނި ހާސްވީ ވަރުންނެވެ. އިންތަނުން ތެދުވެގެން މި ލިޔުނު ސިޓީ އޭނާ ގެންގުޅޭ އަތްދަބަހަށް ލައިގެން ދޮރާށްޓާ ދިމާއަށް ދިޔައެވެ. ރޭގެ އެ ދަންވަރުގަޑީގައި އޭނާ ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ބަނޑަށް ނުވަމަސް ފުރިހަމަ ނުވަނީސް ފެން ދުލި ފަޅައިގެން ދިޔަކަމާއި ލޭ އަންނަކަން އެނގުމުން ދީމާގެ ފިޔަވަޅުތައް ދަމަމުން ވިޔަސް ހޮސްޕިޓަލާ ދިމާއަށް އަވަސް ކޮށްލީ މާގިނަ އިރެއް ނުވެ އޭނާގެ ދަރިފުޅު ދުނިޔެއަށް ނޭވާލާން ޖެހިދާނެ ކަމުގެ އުފާވެރި އެހެނަސް ނުތަނަވަސް އިހުސާސާއެކުގައެވެ. ފުންނޭވާ ލަމުން އެއްއަތުން ބަނޑުގައި ހިފަހައްޓައިގެން ދުޅަވެފައިވާ ފައި ދަމަމުން ދީމާ މިސްރާބު ޖެހީ މެމޯރިއަލް ހޮސްޕިޓަލާ ދިމާއަށެވެ. އިއްތިފާޤް ކަންދިމާވި ގޮތުން އޭނާ ބާރަށް ފިޔަވަޅު އަޅަމުން ޕޭމަންޓު ހުރަސްކުރަން ފައިއަޅާލެވުނު ވަގުތު ހުއްޓުން އެރީ ބާރަށް ދުއްވާފައި ދިޔަ ކާރު ކުރިމައްޗަށެވެ. މި ޕްރައިވޭޓް ކާރުގައި ދުއްވަން އިން ތަޢުފީގަށް ބުރަކި ނުޖެއްސުނުނަމަ މިރޭ މި މާބަނޑުއަންހެން މީހާ ކާރު ފޮރޮޅުދަށުވީހެވެ.
ކުއްލިއަކަށް އޭނާ ތެޅިގެންފައި ކާރުން ބޭރަށް ނިކުތީ ކަމެއްވީކަމަށް ހިތާއެވެ. ފެންނަން ހުރި އަންހެންމީހާގެ ހާލަތާއި މެދުގައި އޭނާގެ ހިތަށް ވައިން އިންސާނިއްޔަތުކަމާއި އެކުގައި ކުރު ނޭވާތަކުން އަނގަހުޅުވި ދާހިއްލާ ފޯވެފައިވާ ދީމާގެ ހާލަތު މި ފިރިހެނަކަށް ދެނެގަނެވުމުން އަވަހަށް އޭނާ ކާރަށް ލައިގެން އެ ހިނދުން މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާއަށެވެ. ކުއްލި އެމެޖެންސީ ހާލަތައް ފަރުވާކުރުމަށް މި ވަގުތު އައިސީޔޫއަށް ވެއްދި ދީމާގެ ހަބަރުހުސްވެފައި އޮތުމުން އޭނާގެ ފުށުން ދަންނަ މީހަކު ހުރިތޯ ނުވަތަ އޭނާއާއި ހަވާލުވާނެ އެއްވެސް މީހަކު ހުރިތޯ އޮޅުންފިލުވޭނެ އެއްވެސް ގޮތެއް ނެތެވެ. ތައުފީޤާއި އަދި ދީމާ ކޮނޑުގައި އަޅާފައި އޮތް އަތްދަބަސް ފިޔަވައި ދެން މި ފުރާނައިން ގުޅިފައިވާ ފުރާނަ އެ ވަނީ އޭނާގެ ހަށިގަނޑު ތެރޭގައެވެ. ތައުފީޤަށް އެ އަންހެންމީހާ އެކަނި ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގައި ދާން ޖެހިލުންވީ އޭނާއަށް ހިތަށް ކުރެވުނު އަސަރަކުންނެވެ.
ޑޮކްޓަރުން ދިންލަފާއާއެކުގައި މިހާރު ހޭނެތިފައި އޮތް ދީމާ ކުއްލިގޮތަކަށް ދުވަސް ނުފުރާ ވިހަން ޖެހުމުން މިވަގުތުން ސިޒޭރިއަން ނުހަދައިފިނަމަ ދެމައިންގެ ފުރާނައަށް ނުރައްކާވެދާނެ ފުރުސަތު ބޮޑުކަމުގެ ހިތްދަތި ހަބަރު ޑޮކްޓަރުން ދިނެވެ. މިއީ ކާކުކަން ނޭނގޭ މީހަކަށް ވިއަސް އޭނާ ގެންގުޅުނު އަތްދަބަސް ޗެކް ކޮށްލުމުން ދީމާ އަކީ ކާކުކަން އެނގުނީ ޚަބަރުފެތުރިފައިވާ ގޮތުން އޭނާގެ ފިރިމީހާ އަކީ ބްލެކްލިސްޓުގައި ނަންހިނގާ މީހަކަށް ވެފައި އޭނާ ނިޔާވި އިރުގައި ނުރައްކާތެރި ބައްޔެގައި ތަހައްމަލު ކުރިމީހެއްކަން އެނގިފައި އޮތުމުންނެވެ.
މިއީ މަރުޙޫމް އުޒޭރުގެ އަނބިމީހާ ކަމަށް ވަންޏާ މީނާއަށް އަދި ލިބެން އުޅެން ދަރިފުޅަށްވެސް… %99 މިހެން މިކަން ނުވެނުދާނެ ކަމަށް ޑޮކްޓަރުން ލަފާދިނީ، މިފަދަ ކޭސްތައް ވަނީ ކުރިންވެސް ފެންމަތިވެފައިވުމާއެކު ނާދިރު ހާލަތްތަކުން ވެސް ފެނިފައިވާތީއެވެ. ބެންޗްގޮނޑީގައި މިވަގުތު އިން ތައުފީޤު ފިޔަވައި ދީމާއާއެކުގައި މި ތަނަށް އައި އެހެން އެއްވެސް އިތުރުމީހަކު ނެތްކަން ޔަޤީންވުމުން އޭނާގެ ހިތަށް އަސަރު ކޮށްފިއެވެ. ކުރި އަސަރާއި ހިތުގެ ފުންމިނުން އުތުރިގަތް ކުލުނުގެ ވިންދުން ކަމަށްވެސް ވެދާނެއެވެ. މިފަދަ ބޮޑުޒިންމާއެއް ނެގުމަށް އޭނާގެ ހިތް ރުހުނީ ސީދާ ކީއްވެގެންކަން ޚުދު އޭނާއަށް ނޭނގުނަސް މިވަގުތު އެނދުމަތި ކުރެވިފައިވާ އަޅާލާނެ ވާލެއްއިޔާރެއް ނެތް ޒުވާން އަންހެންމީހާއަށް އޭނާހިތުގައި ހަމްދަރުދީ އާއި އޯގާތެރިކަމެއް އުފެދުނީއެވެ. މި ޒިންމާއާ އޭނާ އެހަވާލުވީ އެއްވެސް ގޯސް ނިޔަތެއް ނެތި ހެޔޮހިތުން ހިތުގެ އެންމެ ފުން މިނުން ހެޔޮ ނިޔަތުގައެވެ.
(ނުނިމޭ) – (3 ވަނަ ބައި މާދަމާ)


މަންދދުގެ ދިގުވާހަކައެއް ނެތްތަ؟
އުޒޭރު ކަހަލަ މީހުންނާ ހެދި މައުސޫމު އަންހެންކުދިންގެ އުމުރު ދަނީ.
މި ބައިވެސް ހަމަ ވ ރީތި
ކޮބާ މަންދުގެ އައު ވާހަކައެއް ނެރެނީ ކޮންއިރަކު
އަހަރެން އަތުގައި މަންދުގެ ހުރިހާ ވާހަކައެއްވެސް އެބަހުރި
އިތުރު ފޮތެއް ނެރޭނެ ދުވަހަކަށް އިންތިޒާރު ގަ