ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހައްދުންމަތީ ގަމަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.
ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި، ގަމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އަދި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމާއި، ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ހަމައެހެންމެ، ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރެއްވުމުގެ މަޝްރޫޢާއި، ރަށުގެ އުތުރު ފަރާތުގައި ޤާއިމުކުރާ އައު ބަނދަރު މަޝްރޫޢުގެ އެއްބަސްވުމުގައިވެސް ރޭ ވަނީ ސޮއިކުރެވިފައެވެ.
“ދާދި އަވަހަށް، ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުކުރެވި، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި މުޅި އަތޮޅަށް އާރް.ޓީ.އެލް ޚިދުމަތް ފުޅާވެގެންދާނެ” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރެއްވުމާއި، ސްކޫލަށް ބޭނުންވާ ބިނާރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.