ނައިޖީރިއާގެ އުތުރުގައި ހުންނަ ނައިޖަރ ސްޓޭޓުގައި ފިއުލް އުފުލާ ޓޭންކަރެއް ފުރޮޅާލުމާ ގުޅިގެން ގޮވާލައި، 35 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ފެޑެރަލް ރޯޑް ސޭފްޓީ ކޯޕްސް (އެފްއާރުއެސްސީ) އިން ހާމަކޮށްފިއެވެ.
އެފްއާރުއެސްސީގެ ސެކްޓަރ ކޮމާންޑަރ އައިޝަތު ސާދޫގެ ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގީ ޓޭންކަރު ފުރޮޅާލުމާ ގުޅިގެން ޕެޓްރޯލް މަގުމައްޗަށް އެޅުމުންނެވެ. އަދި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޕެޓްރޯލްގެ ސަބަބުން އަލިފާން ރޯވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނައިޖީރިއާގެ ޓީވީސީ ނިއު ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި އިތުރު ބައެއް މީހުން ފަރުވާ ހޯދުމަށް ފެޑެރަލް މެޑިކަލް ސެންޓަރަށް ގެންދެވިފައިވެއެވެ. މި މީހުންގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި، ގިނަ މީހުން ވަނީ ބޮޑެތި އަނިޔާތަކާއި ކުރިމަތިލާންޖެހިފައެވެ.
ނައިޖަރ ސްޓޭޓްގެ ގަވަރުނަރ މުހައްމަދު އުމަރު ބާގޯ ވަނީ ކައްޗާ ލޯކަލް ގަވަރމަންޓް ސަރަހައްދުގެ ރައްޔިތުންނަށް ތައުޒިޔާ ފާޅުކުރައްވާފައެވެ. އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ހާދިސާގައި “ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ” ކަމަށެވެ.
ނައިޖަރ ސްޓޭޓްގެ ޓޭންކަރު ޑްރައިވަރުންގެ ޖަމްޢިއްޔާގެ ޗެއަރމަން ފާރޫކް މުޙައްމަދު ކާވޯ ވިދާޅުވެފައިވަނީ މިއީ “ހިތާމަވެރި އަދި ހުއްޓުވޭނެ ފަދަ” ހާދިސާއެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޓޭންކަރު ވެއްޓުނު އިރު ނައިޖީރިއާގެ އުތުރުގައި ހުންނަ ލަގޯސް އިން ޕެޓްރޯލް އުފުލަމުންދިޔައެވެ. އަދި އޮކްޓޯބަރު މަހު އެކަނި ވެސް މި މަގުގައި 30 އެއްހާ އެކްސިޑެންޓް ހިނގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެކްސިޑެންޓްތަކުގެ ނިސްބަތް މަތިވަމުންދަނީ މަގުގެ ހާލަތު ދަށްވެފައިވުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.