ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އާއި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވިގެންދިޔައީ ޖިއާނީ އިންފަންޓީނޯ ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވިދާޅުވެ، ވަގުތު ހޭދަކުރައްވައިގެން ރާއްޖެ ވަޑައިގަތުމުން އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރުކަމަށާއި، ފުޓުބޯޅަ އަކީ ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަކަން އިތުރުކޮށްދޭ ކުޅިވަރެއްކަމަށެވެ. އަދި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިންފަންޓީނޯ ދެއްކެވި ވާހަކަފުޅުގައި، ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވައި، އެކަންކަން ހާސިލުކުރެވެމުންދާ ކުރިއެރުމާ މެދު އޮތް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވަނީ އެފްއޭއެމްގެ އާ ލީޑާޝިޕްގެ މަސައްކަތަށް ތައުރީފު ކުރައްވައި ފީފާގެ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ރާއްޖޭގައި ފުޓްބޯޅައިގެ ދާއިރާ ކުރިއެރުވުމަށާއި، އެފްއޭއެމްގެ ތަރައްގީއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

