ސައިބަރ ކްރައިމްތައް ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އދ. (ޔުނައިޓެޑް ނޭޝަންސް) ގެ މުއާހަދާ، “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް”ގައި ދިވެހިރާއްޖެއިން ބައިވެރިވެ، ސޮއިކޮށްފިއެވެ. މިއާއެކު މި މުއާހަދާގައި ސޮއިކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނިގެންދެއެވެ. ސައިބަރ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެ ތެރެއިން މި މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ.
ސައިބަރ ކްރައިމާ ގުޅޭގޮތުން ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. އިންޓަނެޓް މެދުވެރިކޮށް ކުރެވޭ ކުށްތައް ހުއްޓުވުމާއި، ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މަގު މި މުއާހަދާއިން ހުޅުވާލައެވެ. މި މުއާހަދާ އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމުގައިވިޔަސް، ޤައުމުތަކުން ސޮއިކުރަން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ތާރީޚީ މުނާސަބަތާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް، ވަސީލަތްތަކުގެ ދަތިކަމާއެކު ސައިބަރ ކްރައިމްގެ ނާޒުކުކަން ބޮޑުވެއެވެ. ނަމަވެސް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މުއާހަދާއާ ގުޅިގެން ޑިޖިޓަލް ދާއިރާގެ ސަލާމަތީ ރައްކާތެރިކަން އިތުރުވެ، ތަޙުގީގުކުރުމުގެ ހުނަރު އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޢަބްދުﷲ ޚަލީލް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ސައިބަރ ކްރައިމްގެ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ބޮޑެތި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ހިރާސްތައް ކުޑަކުރުމާއި، ޤާނޫނީ ގޮތުން މި މައްސަލައަށް ރިޢާޔަތްކުރުމާއެކު، ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަނެޓްގެ ބޭނުން އިތުރުވުމާއެކު، އޮންލައިންކޮށް ހިންގާ ތަފާތު ބާވަތްތަކުގެ ކުށްތައް އިތުރުވަމުންދިއުމަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިފަދަ ކުށްތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ޤައުމުތަކަށް ވަމުންދާތީ، މިކަމަށް ޚާއްސަ އިސްކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. މި ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް” ހައިލެވެލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެ، މުހިންމު މަޝްވަރާތަކުގައި ޝާމިލުވަމުންދާކަން ފާހަގަކުރެވެއެވެ.

