އައްޑޫސިޓީގެ ބައެއް ރަށްރަށުގައި ވަކިވަކި ކައުންސިލް ހަދަން ފެނޭތޯ ނަގާ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް ވޯޓުލާފައިވަނީ 3410 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، މެންދުރު 15:00 އާއި ހަމައަށް ވޯޓުލާފައިވަނީ 3410 މީހުން ކަމަށް އީސީ އިން ވަނީ ހާމަކޮށްފައެވެ. އަދި ވޯޓު ނުލާ 6166 މީހުން ތިބި އިރު، ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1715 އަންހެނުންނާއި 1695 ފިރިހެނުންނެވެ. މިއާއެކު، ވޯޓު ލާފައިވަނީ 35.61 އިންސައްތަ މީހުންނެވެ. އަދި ވޯޓުނުލާ އިންސައްތަ އަކީ 64.39 އެވެ.
މާލޭގައި އާއި ފޭދޫ، ހުޅުދޫ އަދި މީދޫގައި ވޯޓު ފޮށިތައް ބަހައްޓާފައިވާއިރު، މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 9،576 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 4،684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ.
މި ވޯޓުގައި މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގައެވެ.

