ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ފަހުން ހައްޔަރު ކުރި މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42) އާއި އަހުމަދު ފިރުސާން- ހ. ރުމޭނިއާ (35) އަދި ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35) އެވެ.
ފުލުހުން ބުނީ، އެމީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި، އެހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަހުމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ހުޅުމާލެ ބަނދަރުގައި އިސްކޮށް މިހާރު މަސައްކަތް ކުރި ކަސްޓަމްސްގެ އޮފިސަރު ޒިވާރު އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީއެވެ.

