މާލޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ 12 ފަންގިފިލާގެ ޒަމާނީ ވަޤްފު ޢިމާރާތް، “ދާރުލްއަރްޤަމް” މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފިއެވެ. 39.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބި، ވަޤްފު ފަންޑު އިތުރަށް ބާރުގަދަވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވިއިރު، އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
“ދާރުލްއަރްޤަމް” އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީކުރެވޭ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯގައި ޕާކުކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. މަތީ ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރި ހިމެނޭނެއެވެ. އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއްގެ ގޮތުގައި ޤާއިމްކުރެވޭނެ ބައެކެވެ. އިމާރާތުގައި ލިފްޓު ހަރުކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ވަޤްފު އިމާރާތް ތަރައްޤީކުރުމަށް އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަޝްރޫޢުއަށް 39.4 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި މަޝްރޫޢުއަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގގެ ދަށުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ އިސްލާމީ ދާއިރާއަށް އޭގެ މަންފާ ލިބެން ފެށުމަކީ ކުރެވޭ އުންމީދެއްކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ އިމާރާތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޤްފު ފަންޑަށާއި ޒަކާތު ފަންޑަށް ޚާއްސަކުރެވޭނެއެވެ.
“މި މަޝްރޫޢުއަކީ ވަޤްފު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް. ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީތަކުގައިވެސް މިފަދަ މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި. މިސްކިތްތަކާ ގުޅޭ ކަންކަމާއި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިޔުމުގައިވެސް ޚަރަދުތައް ބޭނުންވޭ. މިހުރިހާ ޚަރަދެއް ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާ ނުވެ އެހެނިހެން ވަޞީލަތްތަކުން ޚަރަދުތައް ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެއް.” ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ވަޤްފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤްފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށްކަމަށެވެ.
“ދާރުލްއަރްޤަމް” މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު، އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އާމްދަނީގެ %80 އިސްލާމިކް ވަޤްފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤްފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
“ދާރުލްއަރުޤަމް” ގެ އިތުރުން ހުޅުމާލޭގައި ވަޤްފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައިވެސް ވަޤްފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

