ކައުންސިލްތަކަށް އައު އިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 30 ކައުންސިލެއްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ މަސައްކަތްތައް ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.
ކައުންސިލް އިމާރާތްތަކުގެ ހާލަތު ދިރާސާކުރުމަށްފަހު، ރާއްޖޭގެ 100އަށްވުރެ ގިނަ ކައުންސިލްތަކަށް އެކަށީގެންވާ ޖާގަ ބޭނުންވާކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އެންމެ ހާލަތު ދަށް 105 ކައުންސިލެއް ކަނޑައަޅައި، އެ ކައުންސިލްތަކަށް އައު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މި 105 ކައުންސިލްގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ 50 ކައުންސިލްގެ މަސައްކަތެވެ.
ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ 55 ކައުންސިލްގެ ތެރެއިން 30 ކައުންސިލްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އިތުރު 9 ރަށަށް ކުރިއަށް އޮތް ހަފްތާގެތެރޭގައި މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވާނެކަމަށް ވިދާޅުވިއެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ 55 ކައުންސިލްގެ ތެރެއިން މިހާތަނަށް ނުފެށިވާ ރަށްރަށުގެ މަސައްކަތްވެސް ނޮވެންބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި 55 ކައުންސިލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ކަމަށްވާއިރު، މި މަޝްރޫއަށް 631 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރަން ނިންމާފައިވާ 50 ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން މޫސާ ފަތުޙީ ވިދާޅުވީ، ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާކަމަށެވެ.

