ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި، އެ ރިސޯޓް އަލުން ހުޅުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ބައްލަވާލައްވާފަ އެވެ.
ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި އޮތް އެންމެ މުހިންމު އެއް ރިސޯޓެވެ. ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި މި 500 އެނދުގެ ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ. ރިސޯޓް ބަންދުކުރިއިރު 500 ވަރަކަށް މީހުން ވަޒީފާ އަދާކުރަމުންދިޔަ އެވެ.
މި ރިސޯޓް އަލުން ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. ދިވެހިރާއްޖޭގައި އެއް ސަރަހައްދެއްގައި ވަޒީފާ ނެތް މީހުން ނިސްބަތުން އެންމެ ގިނަ އެއް ސިޓީއަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ވަޒީފާ ނެތް ޒުވާނުން އިތުރުވާ އެއް ސަބަބަކީ އައްޑޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރެވިފައި ނެތުމެވެ. އަދި އައްޑޫގައި އުފެދިފައި ހުރި އިގުތިސާދީ މަދު ފުރުސަތުތައް ނެތިގެންދިއުމަކީ އިތުރަށް ވަޒީފާ މަދުވާނެ ކަމެކެވެ.
އެހެންކަމުން، ޝަންގްރީ-ލާ ރިސޯޓު އަލުން ހުޅުވިގެންދިއުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެކެވެ. އެގޮތުން ރިސޯޓުން އުފެދޭ ވަޒީފާތަކުގެ އިތުރުން ރިސޯޓާ ގުޅިގެން އުފެދޭ އެކި އެހެނިހެން ވިޔަފާރިތަކުންވެސް ވަޒީފާގެ ފުރުސަތުތައް އައްޑޫއަށް ފަހިވާނެއެވެ.
އޭގެ އިތުރަށް، ޝަންގްރީ-ލާ ފަދަ މަތީ ފަންތީގެ ރިސޯޓެއް އައްޑޫގައި އޮޕަރޭޓުކުރުމަކީ މިހާރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެ، މިހާރުވެސް ދަތުރުކުރަމުންދާ އެއާލައިންތަކުގެ ފުލައިޓުތައް އިތުރުވާނެ ކަމެކެވެ. ރައީސްގެ މި ޒިޔާރަތަކީ މި މަސައްކަތްތަކަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.

