ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ވައުދެއް ހަގީގަތަކަށް ހަދައި، އައްޑޫ ސިޓީގެ ހިތަދޫގައި ޕާސްޕޯޓު ހިދުމަތް އަދި ފޭދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރޭ ފަށައިފިއެވެ.
މި ހިދުމަތްތައް ފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައެވެ.
ފޭދޫގައި އައިޑީ ކާޑް ދޫކުރުމުގެ ހިދުމަތް ފައްޓަވައި ދެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަނަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފެވެ. ފޭދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފައްޓަވައި ދެއްވީ އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހެވެ. ހަމަ އެފަދައިން، ހިތަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފައްޓަވައި ދެއްވީ ވެސް އިމިގްރޭޝަން ކޮންޓްރޯލާ ފަސީހެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ވައުދުފުޅެކެވެ. މިހާރު މި ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ ފަށާފައެވެ. މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް މިހާރު ދަނީ ދެމުންނެވެ.

