މެކްސިކޯގެ ތާރީޚުގައިވެސް ފުރަތަމަ އަންހެން ރައީސާ ކްލައުޑިއާ ޝެއިންބާމް، ރިޔާސީ ގަނޑުވަރު ކައިރީގައި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ފިރިހެނަކު އޭނާގެ ގަޔަށް އަތްލައި ޖިންސީ ގޯނާކުރަން މަސައްކަތްކުރުމުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާ ހިނގުމާއެކު އެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސް ޝެއިންބާމް ވަނީ މިކަމާ ގުޅިގެން މުޅި ގައުމުގައި ޖިންސީ ފުރައްސާރަ އަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައްވައިފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހު ރިޔާސީ ގަނޑުވަރު ކައިރީގައި އޮތް އިވެންޓަކަށް ރައީސް ޝެއިންބާމް ވަޑައިގަންނަވަނިކޮށެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ފިރިހެންމީހާ ވަނީ ރައީސްގެ ފަހަތުން ގޮސް އެއް އަތް ކޮނޑުމަތީގައި ބޭއްވުމަށް ފަހު، އަނެއް އަތުން އުނަގަނޑާއި މޭމަތީގައި ބީހި، ކަރުގައި ބޮސްދޭން މަސައްކަތްކޮށްފަ އެވެ. ރައީސްގެ ސެކިއުރިޓީން ވަނީ ވަގުތުން އެ މީހާ ދުރަށް ގެންގޮސްފަ އެވެ. އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ބެލެވެ އެވެ.
މި ހާދިސާއަށް ފަހު ރައީސް ޝެއިންބާމް ވިދާޅުވީ، އޭނާއަށް ޖިންސީ ގޯނާކުރި މީހާ އަކީ މީގެ ކުރިން ވެސް އެހެން އަންހެނުންނާ މެދު އެފަދަ އަމަލުތައް ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށާއި، އެހެންކަމުން އެ މީހާގެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އޭނާ މި މައްސަލަ ހުށަހެޅުއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ: “އަޅުގަނޑު މި މައްސަލަ ހުށަނާޅައިފި ނަމަ ގައުމުގެ އެހެން އަންހެނުންނަށް ވާނީ ކިހިނެއް؟ ގައުމުގެ ރައީސްއާ މެދު އެ މީހުން އެހެން އަމަލުކުރާ ނަމަ އެހެން އަންހެނުންނާ މެދު ކަން ކުރާނީ ކިހިނެއް؟”
ރައީސް ޝެއިންބާމް ވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް މުޅި މެކްސިކޯގައި ވެސް ކުށުގެ އަމަލުތަކުގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލައްވައިފަ އެވެ. މެކްސިކޯގައި 32 ފެޑެރަލް ޑިސްޓްރިކްޓް އޮންނައިރު، ކޮންމެ ޑިސްޓްރިކްޓެއްގައި ވެސް އޮންނަނީ އަމިއްލަ ގާނޫނުލް އުގޫބާތެކެވެ. މިކަމުގެ ސަބަބުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އަމަލުކުރާ ގޮތް އެކި ޑިސްޓްރިކްޓްތަކުގައި ތަފާތުވެ އެވެ. އެހެންކަމުން ރައީސް ވިދާޅުވީ، ހުރިހާ ސްޓޭޓެއްގައި ވެސް މިފަދަ އަމަލުތައް ކުށުގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮވޭތޯ ބަލައި ދިރާސާތަކެއް ކުރާނެ ކަމަށެވެ. ރައީސްގެ މި ވާހަކަފުޅަށް ފަހު، ކަމާބެހޭ އިދާރާތަކުން ވަނީ އެ މީހާ ހައްޔަރުކުރިކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.
ހައްޔަރު ކޮށްފައިވާ މީހާއަކީ 33 އަހަރުގެ އުރިއަލް ރިވޭރާ މާޓިނޭޒް ކަމަށް މީޑިއާ ތަކުން ވަނީ އާންމުކޮށްފައެވެ. މީނާ ހުރީ ރަލުގެ މަސްތުގައި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.


